ޚަބަރު

ރާއްޖެއާއި ސަޢުދީގެ ގުޅުމުގައި ތާރީޚީ އައު ސަފުހާއެއް ލިޔަން މި ފެށުނީ: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ސަޢުދީ ޢަރަބިއްޔާގެ 96ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޙަފްލާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ސަޢުދީއާ ދެމެދު އޮތް ބަދަހި ގުޅުން މުޅިން އައު މަރުޙަލާއަކަށް ފުރޮޅިގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ 96ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހުންނަ އެ ޤައުމުގެ ސަފާރާއިން ރޭ އިންތިޒާމުކުރި ޝަރަފުވެރި ޙަފުލާގައި ބައިވެރިވެވަޑައިގެން ތަޤުރީރުކުރައްވަމުން ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ އިޤުތިޞާދީ މުޢާމަލާތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވަނީ، ސަޢުދީގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި ފުރުޞަތުތަކެއް ހުރިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ރައްކާތެރި އަދި މަންފާކުރަނިވި މާޙައުލެއް އޮތް ޤައުމެއްކަން ފާހަގަކުރައްވައި، ސަޢުދީގެ އިންވެސްޓްމަންޓުތަކަށް ހޫނު މަރުޙަބާއެއް ކިޔުމަށް ދިވެހި ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރުވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަޤުވާމީ އިޤުތިޞާދީ މައިދާނުގައި ސަޢުދީ ޢަރަބިއްޔާއިން އަދާކުރަމުންދާ ނުފޫޒުގަދަ ދައުރަށް ރައީސް ޑރ. މުޢިއްޒު ތަޢުރީފުކުރެއްވިއެވެ. އެގޮތުން، އެ ޤައުމުން މިހާރު ތަންފީޒުކުރަމުންދާ ތަރައްޤީގެ ތަސައްވުރަކީ މުޅި ޤައުމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ މުހިންމު މަސައްކަތެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސަޢުދީއާ ދެމެދު އުފެދިފައިވާ އަޚުވަންތަ ގުޅުމަކީ ދެ ފަރާތަށް ވެސް އޭގެ ލާބަޔާއި މަންފާ ލިބެމުންދާ މުހިންމު ގުޅުމެއްކަން ބަޔާންކުރައްވަމުން، ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ތަރައްޤީއަށް ސަޢުދީ ސަރުކާރުން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި އެމަނިކުފާނު ވަނީ ނުހަނު އިޚުލާޞްތެރިކަމާ އެކު ޝުކުރުއަދާކުރައްވާފައެވެ.