އަމަން ބްރޭންޑުގެ ފުރަތަމަ ރިސޯޓު 2028ގައި ހުޅުވަނީ
ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ހޮޓެލް ބްރޭންޑް، އަމަން އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު، "އަމަންއޮޅު"ގެ ނަމުގައި 2028ވަނަ އަހަރު ވ. އަތޮޅުގައި ހުޅުވަން ނިންމައިފިއެވެ.
ޖުމްލަ 52 ކޮޓަރި އަދި 16 ބްރޭންޑެޑް ރެޒިޑެންސް ހިމެނޭ މި ރިސޯޓުގެ ނަން ނަގާފައި ވަނީ ސާންސްކްރިތް ބަހުން ސުލްހައަށް ކިޔާ ނަންކަމަށްވާ 'އަމަން'އާއި، ހިތްހަމަޖެހުމާއި ތާޒާކަން ރަމްޒުކޮށްދޭ 'އޮޅު' އަލީގެ ނަމާ ގުޅުވައިގެންނެވެ. ރާއްޖޭގެ ނިސްބަތުން އާބާދީ ކުޑަ އަދި ގުދުރަތީ ރީތިކަން ބޮޑު ވ. އަތޮޅަކީ، އެކަހެރިކަމާއި ހިމޭންކަމަށް މަޝްހޫރު އަމަން ބްރޭންޑާ ގުޅޭ މަންޒިލެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މި ރިސޯޓު ފަރުމާކޮށްފައި ވަނީ އަމަންގެ ގިނަ ޕްރޮޕަޓީތަކެއް ފަރުމާކޮށްފައިވާ ސިންގަޕޫރުގެ 'ކެރީ ހިލް އާކިޓެކްޓްސް' އިންނެވެ.
މި ޕްރޮޖެކްޓްގެ އެންމެ ހާއްސަ އެއް ކަމަކީ މީގެ 16 ރެޒިޑެންސެވެ. މިއީ މުޅި ރަށެއް ނުގަނެ، އަމިއްލަ ރަށެއްގެ އިހުސާސް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ތަންތަނެވެ. ކޮންމެ ރެޒިޑެންސެއް ވެސް ގާއިމުކޮށްފައި ހުންނާނީ ރިސޯޓު އެތެރޭގައި އޮންނަ ވަކި އަމިއްލަ ރަށެއްގައެވެ.
ރެޒިޑެންސްތަކުގެ މައިގަނޑު ސިފަތައް:
-
ކޮންމެ ރެޒިޑެންސެއްގައި 5 ނިދާ ކޮޓަރި
-
82 ފޫޓުގެ ބޮޑު ސްވިމިންގ ޕޫލެއް
-
އެކްސްކްލޫސިވް ޕްރައިވެޓް ބީޗް
-
އަމިއްލަ ފާލަން (ޕްރައިވެޓް ބާތް) އަދި ސްޓާފުންނަށް ހާއްސަ ވަކި ބައެއް
-
ބައެއް ރެޒިޑެންސްތަކުން އިރުއަރާ ނުވަތަ އިރުއޮއްސޭ މަންޒަރު ފެންނައިރު، އަނެއްބައި ތަންތަން ފަރުމާކޮށްފައި ވަނީ ރަށުގެ ދެފަރާތުން ވެސް މޫދަށް އެރެވޭ ގޮތަށް
މީގެ އިތުރުން، އަމަން ސްޕާ ހިމެނޭހެން ވެލްނެސްއަށް ހާއްސަ ވަކި ރަށަކާއި، ޑައިވިންގ، ސްނޯކްލިންގ އަދި ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތަކަށް ހާއްސަ ވަކި ރަށެއް ވެސް މި ރިސޯޓުގައި އޮންނާނެއެވެ. އަދި އަމަންގެ ބައިނަލްއަގްވާމީ ރަހަތައް ހިމެނޭ ރެސްޓޯރެންޓްތަކާއި، އާއިލާތަކަށް ހާއްސަ ވަސީލަތްތަކުގެ އިތުރުން މެހެމާނުން އެއްވެ އުޅޭނެ ފަސޭހަ ސަރަހައްދުތައް ވެސް ހުންނާނެއެވެ.
އޭޝިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 30 އަށްވުރެ ގިނަ ޕްރޮޕަޓީ ހިންގަމުން އަންނަ އަމަން ބްރޭންޑުން ރާއްޖޭގައި ރިސޯޓެއް ހުޅުވުމަކީ، ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.