މުނިފޫހިފިލުވުން ދިވެހި ސިނަމާ

“ދެވި” ކުލަގަދަކޮށް ޕްރިމިއަރކޮށްފި : ގިނަ ޝޯތަކެއް ފުލް!

ހުސެއިން‏ ޝިނާން ، ދެން އޮންލައިން

މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އަދި ފިލްމީ ތަރި މަރްޔަމް އައްޒަ ޕްރޮޑިއުސަރެއްގެ ގޮތުގައި ނުކުންނަ ފުރަތަމަ ފިލްމު "ދެވި" ރޭ ޕްރިމިއަރ ކޮށްފިއެވެ.

މާލޭ އޮލިމްޕަސް ސިނަމާގައި މި ފިލްމް ޕްރިމިއަރ ކުރުމަށް ބޭއްވި ކުލަގަދަ ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާރ ޖެނެރަލް އިބްރާހިމް ހިލްމީއެވެ. މި ހަފްލާގައި، ފިލްމްގެ ކާސްޓުންނާއި، ލަވަކިޔުންތެރިންގެ ހުށެހެޅުންތަކެއް ވަނީ ބެލުންތެރިންނަށް ހުށަހަޅައިދީފައެވެ.

އައްޒަ ޑަބަލް ރޯލަކުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާއިން ބިރުވެރިކަމާއެކު ލޯބީގެ މަންޒަރުތަކެއް ވެސް ދައްކުވައިދެއެވެ. އައްޒަގެ ތަފާތު މޮޅު އެކްޓިންއެއް ފެނިގެންދާއިރު، ޓިކެޓް ވިއްކުމަށް ހުޅުވާލައިފައިވާ ގިނަ ޝޯތަކެއް މިހާރު ވަނީ ފުލްވެފައެވެ. އަދި "ދެވި" 1 އޮކްޓޯބަރ އިންފެށިގެން ރަށްރަށުގައި އެޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ހަފްތާ ބަންދުގައި އެކަނިވެސް ދެއްކުމަށް ހަމަޖެހިފައިވާ 30 އަށް ވުރެ ގިނަ ޝޯތަކެއްގެ ޓިކެޓް އެކި ރަށްރަށުން ދަނީ ވިކެމުންނެވެ.

ޓެކްނިކަލް ގޮތުން ބަލާއިރު މިއީ ދިވެހި ސިނަމާގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ދާއިރާގެ ފަންނީ ފަރާތްތަކުން ވަނީ ބުނެފައެވެ. ޚާއްސަކޮށް ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން އަދި ވީއެފްއެކްސް (VFX) މަސައްކަތްތަކަކީ ވަރަށް ފެންވަރު ރަނގަޅު މަސައްކަތްތަކެއްކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިހާރު ރާއްޖޭގައި ހުރި ޓެކްނިކަލީ އެންމެ ކުޅަދާނަ އަދި ހުނަރުވެރިން ކަމަށްވާ އަބްދުﷲ މުއާޒް، ވިޝާލް ޒަކީގެ އިތުރު ވީލްގެ ބުރަ އަދި ކަވި މަސައްކަތް މި ފިލްމުން ފެނިގެންދެއެވެ.

މި ފިލްމުގެ ވާހަކައިގައި ދައްކުވައިދެނީ އައްޒަގެ އާއިލާއަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެކެވެ. "ދެވި" ގެ ޑައިރެކްޓަރަކީ ހުސެން ހާޒިމް (ސޭންޑީ) އެވެ. އަދި މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ސޭންޑީ އާއި ޝަހުދާ ގުޅިގެންނެވެ.

މީގެ އިތުރުން، ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމުގައި އެމް.އެން.ޑީ.އެފް ގެ އެސް.އޯ.ޖީ (ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް) ޓީމުގެ ބައިވެރިވުން ހިމެނިފައިވާތީ، މިއީ ބެލުންތެރިންނަށް މުޅިން އާ އަދި ޝައުގުވެރި ތަޖުރިބާއަކަށް ވެގެންދާނެއެވެ.