މުސްތަޤިއްލު ފަލަސްޠީނެއް ބިނާކުރެވޭނީ ޤުދުސް ސަލާމަތްކޮށްގެން: ޚާރިޖީ ވަޒީރު
ފަލަސްޠީނުގެ ސިޔާދަތީ ދައުލަތެއް ވުޖޫދަށް ގެނެވެން އޮތީ ޤުދުސްގެ ޙައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވިގެންކަމަށް ވިދާޅުވެ، އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ހަރުދަނާ ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ބައިނަލްއަޤުވާމީ މުޖުތަމައަށް ގޮވާލައްވައިފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ތެރެއިން ބޭއްވުނު އަރަބި އަދި އިސްލާމީ ޤައުމުތަކުގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން، ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ޢަމަލީގޮތުން އިސްކަންދޭންޖެހޭ މުހިންމު ތިން ނުކުތާއެއް ރާއްޖޭގެ ފަރާތުން ވަނީ މި ބައްދަލުވުމުގައި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނުގައި ދިރިއުޅުމާއި އަޅުކަންކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ޑިޕްލޮމެޓިކް ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރުމާއި، 1967ގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ އަދި އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން ދައުލަތެއް ބަލައިގަނެ، އެ ގައުމަށް އދ.ގެ ފުރިހަމަ މެންބަރުކަން ހޯދައިދިނުން ހިމެނެއެވެ. މީގެ އިތުރުން، އިސްރާއީލުގެ ޣައިރުޤާނޫނީ އާބާދީތަކާ ދެކޮޅަށް ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތާއި، ސްޕެއިން އަދި ކެނެޑާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް މަރުހަބާކިޔައި، އެފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމުގައި އެހެން ގައުމުތަކުން ވެސް ބައިވެރިވުމަށް ރާއްޖެއިން ވަނީ ބާރުއަޅާފައެވެ.
މުސްލިމުންގެ މުޤައްދަސް ބިމެއްގެ ގޮތުގައި އޮތް ޤުދުސްއާއި މަސްޖިދުލްއަޤްސާއަށް ޔަހޫދީން ވަދެގަނެ ދެމުންގެންދާ ހަމަލާތަކާއި، ފަލަސްޓީނުގެ ރައްޔިތުންގެ ގެދޮރު ފޭރިގަތުން ވަގުތުން ހުއްޓާލަންޖެހޭކަން ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ހަމައެކަނި ބަޔާންތައް ނެރުމާއި އަނގަބަހުން ކުށްވެރިކުރުމުގެ ބަދަލުގައި، އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ދުނިޔޭގެ ޤައުމުތަކުން އެކުވެގެން ޢަމަލީގޮތުން ނަތީޖާ ނެރެދެނިވި މަސައްކަތްތަކެއް ފެށުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ޒަޔަނިސްޓުންގެ މިފަދަ އަމަލުތަކަކީ ޤުދުސްގެ ޤާނޫނީ އަދި ތާރީޚީ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެވޭނެ ކަންކަން ނޫންކަން ވެސް އިރުތިޝާމް ވިދާޅުވިއެވެ.