Saturday, 14 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޑޮލަރުތަކަކާ އެކު އެއާޕޯޓުން އަތުލައިގަތް ބިދޭސީންގެ ބަންދަށް އިތުރު 30 ދުވަސް

ޑޮލަރުތަކަކާ އެކު އެއާޕޯޓުން އަތުލައިގަތް ބިދޭސީންގެ ބަންދަށް އިތުރު 30 ދުވަސް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށް، ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރަށް 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ ގެންދަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. މި މަހުގެ 18ވަނަ ދުވަހު އެ މައްސަލައިގައި ހައްޔަރުކޮށް 10 ދުވަހުގެ ބަންދުގެ މުއްދަތު ޖެހީ ބަނގުލަދޭޝްއަށް ނިސްބަތްވާ ހަ މީހުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ
  • މުހައްމަދު މައިނުއްދީން ސަލާހު (35އ)،
  • ރަޖިބް (31އ)،
  • މުހައްމަދު ޢަބްދުﷲ (38އ)،
  • އަޖްގަރު މިރިދާ (37އ)،
  • އެމްޑީ މޮހިއްދީން ޗޯދުރީ (28އ)
  • އެމްޑީ ޝާހިން މިއާ (46އ)
އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ އެންމެން ވެސް އިތުރު 30 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ވަގަށް ބޭރު ފައިސާ ބޭރުކުރަން އުޅެނިކޮށް އަތުލައިގަތީ ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއިން ބޭރުކުރަން މަސައްކަތްކުރަނިކޮށެވެ. ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި އަތުލައިގަނެވުނު ފައިސާގެ ތެރޭގައި ދުނިޔޭގެ 18 ގައުމެއްގެ ފައިސާ ހިމެނޭއިރު، އޭގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯގެ އިތުރުން 1,815 އިނގިރޭސި ޕައުންޑް ހުރިކަން ފާހަގަކުރެވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 3،861،415.29 ރުފިޔާއެވެ. ރާއްޖޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދަނެތި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.