ޗައިނާ ޓޫރިސްޓުންގެ އަދަދު 307,511އަށް
ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 307,511އަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ޗައިނާ ފަތުރުވެރިންގެ އަދަދު ވަނީ 307,511 އަށް އަރާފައެވެ. މިހާރު ޗައިނާއަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 19 ޕަސެންޓުގެ ހިއްސާވާ ގައުމެވެ.
ޗައިނާ ޓޫރިސްޓުންގެ އަދަދު ރެކޯޑް އަދަދަށް އިތުރުވިއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚަށް ބަލާއިރު، މިހާތަނަށް އެންމެ ގިނައިން ޗައިނާ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ. އެ އަހަރުގެ ތެރޭގައި ޖުމްލަ 363,626 ޗައިނާ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
އެންމެ ގިނައިން އަންނަނީ ފެބްރުއަރީގަ
ޗައިނާ ފަތުރުވެރިންގެ އެންމެ "ޕީކް" ނުވަތަ އެންމެ ގިނައިން އަންނަނީ ފެބްރުއަރި މަހުއެވެ. މި ދުވަސްވަރު ގިނައިން މީހުން އަންނަނީ ޗައިނާގެ އައު އަހަރު (ޗައިނީޒް ނިއު އިޔާ / ސްޕްރިންގް ފެސްޓިވަލް)އާ ދިމާކޮށް ލިބޭ ބޮޑު ޗުއްޓީގައެވެ. އަދި 2014، 2015 އަދި އެންމެ ފަހުން 2024ވަނަ އަހަރުގެ ފެބްރުއަރީ މަހަކީ ވެސް ޗައިނާ މާކެޓުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ރެކޯޑު މިންވަރަކަށް އިތުރުވި މަސްތަކެކެވެ. އަދި ޖުލައި އަދި އޮގަސްޓު މަހަކީ މިއީ ޗައިނާގެ ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ ބޮޑު ޗުއްޓީ (ސަމާ ހޮލިޑޭ)އާ ދިމާކޮށް، އާއިލާތަކާ އެކު ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އަންނަ ދެ މަހެވެ.
