ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަޤާމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ހުސްވެފައިވާ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިން ފަރާތެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން އެކަމަށް އެދުނު ފަރާތްތަކުގެ ތެރެއިން، މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުއްވާފައި ވަނީ ސ. ހުޅުދޫ ބަގީޗާގެ އަޙްމަދު ޝަފްނީޒާއި، ވ. މިޔަރެސް އަޙްމަދު މަޢުޞޫމް އަދި ކ. ދިއްފުށި ކަނޑުގަސްދޮށުގެ މަރްޔަމް ޖައިދާގެ ނަންފުޅެވެ. މި ނަންފުޅުތަކާ މެދު އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ.
އެ ކޮމިޓީން މި ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު މާކްސް ދޭނެއެވެ. މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައަޅައި ފާސްކުރާނީ ކޮމިޓީ މަރުޙަލާއަށް ފަހު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރާގެ ނައިބު ވެރިޔާގެ މަޤާމު ހުސްވެފައި ވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ފާޠިމަތު އަމީޒާ، މީރާގެ އެންމެ އިސްވެރިޔާ (ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން)ގެ މަޤާމަށް މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހު އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޤާނޫނު ބުނާގޮތުން، ޓެކްސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް ބޭފުޅުން އައްޔަންކުރަން ޖެހެނީ އާންމުކޮށް އިޢުލާންކޮށްގެން ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތަކަކަށް މަޖިލީހުން ރުހުން ދިނުމުންނެވެ.
