ޚަބަރު

ވިއެޓްނާމްއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށްލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވިއެޓްނާމްގައި 20 އަހަރަށް ޖަލަށް ލި މުހައްމަދު އަނިލް--

ވިއެޓްނާމްއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މުހައްމަދު އަނިލް (39އ.)ގެ މައްޗަށް އެ ހުކުމް ކުރީ މިިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތައިލެންޑުން ވިއެޓްނާމްއަށް ދިޔަ ފްލައިޓަކުން އެއް ކިލޯގެ ޑްރަގު ވައިގެ މަގުން އެތެރެކުރަން އުޅުނު މައްސަލައިގައެވެ. ނަމަވެސް ހުކުމް އިއްވީ މިދިޔަ މަސް ނިމެން އުޅެނިކޮށެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމްއާ އެކު އެ ހުކުމް ނިމުމުން ޑިޕޯޓްކުރަން ވެސް ވަނީ އަމުރުކޮށްފައެވެ.

އަނިލް މަސްތުވާތަކެތި އެތެރެކުރީ އަފޫ ކިޔާ މީހަކު ބުނެގެން 1000 ޑޮލަރު ދޭގޮތަށް ކަމަށާއި 500 ޑޮލަރު ވެސް ކެއުމާއި ހުރުމަށް ދޭ ގޮތަށް ހަމަޖައްސާފައި އޮތް ކަމަށް ވިއެޓްނާމްގެ ނޫސްތަކުން ބުނެފައި ވެއެވެ.

އަނިލްގެ މައްސަލައިގައި ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

Ads by Ooredoo