ވިޔަފާރި

ރިސޯޓް ހަދަން ދޫކުރި ރ. ކުކުޅުދުއްފަރު ވިއްކާލައިފި

ފާތިމަތު އަފްނާން ، ދެން އޮންލައިން

ރ. އަތޮޅުގައި ރިސޯޓް ހަދަން ދޫކޮށްފައިވާ ރ. ކުކުޅުދުއްފަރު ނަގާފައިވާ ކުންފުނިން ވިއްކާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މި ރަށް ވިއްކާލުމާ ގުޅިގެން ދަރަންޏެއް އޮތް ތޯ ބަލަން އިއުލާނުކޮށްފައެވެ. ނަމަވެސް ވިއްކާލީ ކޮން ބަޔަކަށް ކަމެއް ނޭނގެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މި ވުޒާރާއިން ކުއްޔަށްދޫކޮށްފައިވާ ރ. ކުކުޅުދުއްފަރު ކުއްޔަށް ދިނުމާ ބެހޭ ލީސް އެގްރީމެންޓުގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެހެންކަމުން އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މި އިޢުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އޮފީސް ބަންދުކުރުމުގެ ކުރިން އެ މިނިސްޓްރީއަށް އަންގަން އެދިފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ކުކުޅުދުއްފަރަކީ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ނައިޑް އިންވެސްޓްމެންޓްސް އަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ. މީގެ އިތުރުން ކްރޮސް ސަބްސިޑީގެ ދަށުން ވެސް ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓުގައި މި ރަށް ހިމެނިފައިވެއެވެ.

Ads by Ooredoo