ހަރުދަނާ ވެރިކަމެއް ބިނާކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިގެން: މަޖިލީހުގެ ރައީސް
ޑިމޮކްރެޓިކް ނިޒާމުތައް ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި އާންމު ރައްޔިތުންގެ އިތުބާރާއި، ޖަވާބުދާރީވުމުގެ ސިފަ އަދި އެންމެންގެ ބައިވެރިވުން ކޮންމެހެން ބޭނުންތެރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޓެންޒޭނިއާގެ އަރޫޝާގައި މިއަދު ފެށިގެން ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 153ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ތަޤުރީރު ކުރައްވަމުން، ހެޔޮ ވެރިކަމެއްގެ ބިންގަލަކީ ހަމައެކަނި ބާރުގަދަ މުއައްސަސާތަކެއް އުފެއްދުން ނޫންކަން ފާހަގަކުރައްވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، ރައްޔިތުންގެ އިހުސާސްތަކާ ގާތުން މަސައްކަތްކުރާ، ހަމަހަމަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭ ދައުލަތެއް އޮތުން މުހިންމު ކަމަށެވެ. މީގެ އިތުރުން، ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރަކީ ހަމައެކަނި ބިލުތައް ފާސްކުރުން ނޫންކަމަށާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާ އެކު ބޭނުންކުރެވޭތޯ ކަށަވަރުކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ހިނގާ ނުހިނގާ ގޮތް ބެލުމުގެ އިތުރުން ނިންމުންތައް ނިންމުމުގައި އާންމުންގެ ހިއްސާ އިތުރުކުރުމަކީ ވެސް މަޖިލިސްތަކުގެ ބޮޑު މަސްއޫލިއްޔަތެއްކަން އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
ދިވެހިރާއްޖޭގެ ޖަޒީރާވަންތަ ސިފަތަކަށް އަލިއަޅުއްވާލައްވަމުން ޢަބްދުއްރަޙީމް ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާ އެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން "އީ-ފާސް" ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުން ޚިދުމަތްތައް ހަލުވިކޮށްދޭކަން ފާހަގަކުރައްވައި، އެފަދަ ވިއުގަތަކަކީ އެންމެންނަށް އަތުޖެހޭ، ރައްކާތެރި އަދި އިތުބާރު ހިފޭ ނިޒާމުތަކަކަށް ވާންޖެހޭނެކަން ބަޔާންކުރެއްވިއެވެ. ހަމައެއާ އެކު، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނަކީ ދައުލަތާމެދު ރައްޔިތުންގެ ޔަޤީންކަން ކަށަވަރުކޮށްދޭ މައިގަނޑު ހަތިޔާރުތަކެއް ކަމުގައި ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މަސްރަޙަށް ނަޒަރު ހިންގަވާލައްވަމުން، މެދުއިރުމަތީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި އެފްރިކާ ބައްރުގެ ހަމަނުޖެހުންތަކާމެދު މަޖިލީހުގެ ރައީސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އިންސާނިއްޔަތަށް އިޙުތިރާމުކޮށް، މަޝްވަރާގެ އުސޫލުން މައްސަލަތަކަށް ސުލްހަވެރި ޙައްލުތަކެއް ހޯދުމަށް ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ޤާނޫނުތަކާއި ސިޔާސަތުތަކުގެ އަސްލު ފޮނިމީރުކަން ވަޒަންކުރެވޭނީ އާންމު ފަރުދުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުން ކަމަށެވެ. އަދި ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ރައްޔިތުން ބާރުވެރިކުރުވުމުގައި އައިޕީޔޫ މެދުވެރިކޮށް ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ގުޅިގެން ރާއްޖެއިން މެދުކެނޑުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
