ޕަލްސް ހޮޓެލްސްއިން އެރި މޯލްޑިވްސް ގެ ނަމުގައި ރިސޯޓެއް ހުޅުވައިފި
އުތުރު މާލެ އަތޮޅުގައި "އެރި މޯލްޑިވްސް"ގެ ނަމުގައި އީކޯ-ފްރެންޑްލީ އައު ރިސޯޓެއް ރަސްމީކޮށް ހުޅުވައިފިއެވެ.
ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް އިން މެނޭޖުކުރާ މި ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑްބޯޓުގައި 45 މިނެޓުން ދެވޭ ރާސްތާގައި އޮންނަ، ގުދުރަތީ ރީތިކަމާއި ހިތްފަސޭހަކަން އެކުލެވިގެންވާ ރިސޯޓެކެވެ.
މި ރިސޯޓުގެ މައިގަނޑު ކޮންސެޕްޓަކީ "ދަ އައިލެންޑް އޮފް ބިކަމިން"އެވެ. މި ކޮންސެޕްޓްގެ ދަށުން، އާންމުކޮށް ރިސޯޓުތަކުން ފެންނަ ބީދައިގެ ބަދަލުގައި، ދިވެހި ސަގާފަތާއި އާދަކާދަތައް އަދި ދިވެހި ރަހަތައް ފަތުރުވެރިންނަށް ގާތުން ތަޖުރިބާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ގޮތްތަކާއި ދުޅަހެޔޮ ސިއްޙަތަކަށް އިސްކަންދީގެން، އަމިއްލަ ނަފްސަށާއި ވަށައިގެންވާ މާހައުލަށް ވަގުތު ހުސްކުރުމުގެ ފުރުސަތު މިތަނުން ލިބިގެންދާނެއެވެ. މި ރިސޯޓުގައި ފަތުރުވެރިންނަށް ތިބުމަށް 4 ކެޓަގަރީއެއްގެ ކޮޓަރި ހުރެއެވެ.
ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކި ރަހަތަކުގެ ކާނާ ލިބޭ "ސޯލް ކިޗަން"، ގޮނޑުދޮށުގައި ހުންނަ "ބީޗް ޝެކް" ހިތްގައިމު ބުއިންތަކަށް ހާއްސަ "ސިޕް އެންޑް ޑިޕް" ހުރެއެވެ. އަދި ފުލް ބޯޑް ޕްލަސް އާއި އޯލް-އިންކްލޫސިވް ޕެކޭޖުތައް ވެސް ނެގޭނެއެވެ.
މޫދު ކުޅިވަރާއި ޑައިވިންގއަށް ހާއްސަކޮށްގެން ޔޫރޯ-ޑައިވަރސްއިން މެނޭޖުކުރާ 5 ތަރީގެ ޕަޑީ ޑައިވް ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ. މިތަނުން 30 އަށްވުރެ ގިނަ ޑައިވް ސައިޓްތަކަށް ދިއުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އަދި ހަށިގަނޑާއި ސިކުނޑީގެ އަރާމަށް ހާއްސަ "އެސްކޭޕް ސްޕާ"އިން ދިވެހި ސަގާފަތާ ގުޅޭ ތަފާތު ފަރުވާތައް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން، ހާއްސަ މުނާސަބަތުތައް ފާހަގަކުރުމަށް ބޭނުންވާ ފަރާތްތަކަށް، ތަރިތަކުގެ ދަށުގައި ރޭގަނޑުގެ ކެއުން އިންތިޒާމުކުރުމާއި، ބޮޑުބެރުގެ ހަރަކާތްތަކާ އެކު ވެޑިންގް ރިނިއުވަލް ފަދަ ހިދުމަތްތައް ވެސް "އެރި މޯލްޑިވްސް"އިން ފޯރުކޮށްދެއެވެ.
