ދުނިޔެ

ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ހަނގުރާމަވެރިން ކުރިއަރަމުންދާއިރު، އެ ސަރަހައްދުގެ ކޮންޓްރޯލް އަސްކަރިއްޔާއަށް ގެއްލެނީތަ؟

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރުގެ ދިފާއީ ސްޓްރެޓެޖީ ނާކާމިޔާބުވެ، އޭނާ މިވަނީ ވަރަށް އުނދަގޫ ހާލަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ބަލޫޗިސްތާނަކީ ޕާކިސްތާނުގެ ވަރަށް މުހިންމު ބައެއްކަން ޔަގީނެވެ. ނަމަވެސް، ޓެރަރިސްޓުންގެ ގޮތުގައި ތުހުމަތުކުރެވި މަރާލެވިފައިވާ މީހުންނާ ގުޅޭގޮތުން ޕާކިސްތާނުގެ ޑިރެކްޓަރ ޖެނެރަލް އޮފް އިންޓަރ ސަރވިސް ޕަބްލިކް ރިލޭޝަންސް (ޑީޖީއައިއެސްޕީއާރު) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޝަރުއީ ހަމަތަކުން ބޭރުން ހިންގާފައިވާ އޮޕަރޭޝަންތަކުގައި އެތައް ހާސް ބަލޫޗުންނެއް ވަނީ މަރާލާފައެވެ.

މިފަދަ ގަތުލުތަކާއި ހައްޔަރުކުރުންތަކަށް އިންސާފު ހޯދުމަށް ސުލްހަވެރިކަމާއެކު މުޒާހަރާކުރާ ފަރާތްތައް ދަނީ ޖަލަށް ލަމުންނެވެ. ޖެނީވާ އަދި ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުތައް ހިމެނޭހެން ބައިނަލްއަޤްވާމީ މައިދާނުގައި މިކަމާ ގުޅިގެން ޕާކިސްތާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެ، ލަދުވެތިކަމާ ކުރިމަތިލާން ޖެހިފައެވެ.

ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރު ވަނީ ބަލޫޗިސްތާނުގެ މުޒާހަރާވެރިންނަށް ހަރުކަށި އިންޒާރުތައް ދެއްވައި، ބަލޫޗިސްތާނާއި ޚައިބަރް ޕަޚްތުންޚުވާ (ކޭޕީ) ގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލާ އަމިއްލަ ރައްޔިތުންނާ ދެކޮޅަށް އާޓިލަރީ އާއި ވައިގެ ބާރު ބޭނުންކުރަންވެސް ފަސްޖެހިވަޑައިގެންފައެއް ނުވެއެވެ. މިކަމުން ދެ ކަމެއް ސާބިތުވެއެވެ. ފުރަތަމަ ކަމަކީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޝްމަނުން ކަމުގައި ދައުލަތުން ދެކޭކަމެވެ. ދެވަނަ ކަމަކީ، އެ ސަރަހައްދުތަކުގެ މައްޗަށް ދައުލަތުގެ ކޮންޓްރޯލް ގެއްލެމުންދާ ކަމެވެ. ކޮންޓްރޯލް އަނބުރާ ހޯދުމަށް އިންތިހާއަށް ބޮޑެތި ހަތިޔާރުގެ ބާރު ބޭނުންކުރަން މަޖުބޫރުވެފައިވަނީ އެހެންވެއެވެ.

ސައުތު އޭޝިއާ ޓެރަރިޒަމް ޕޯޓަލް އިން ހާމަކުރާ ގޮތުގައި، ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަންނަން ޖެހިލުންވާ ނުވަތަ ވަންނަނަމަ ގިނަ އަދަދެއްގެ ސިފައިންނާއެކު ނޫނީ ނުވަންނަ އެތައް ސަރަހައްދެއް ބަލޫޗިސްތާނާއި ކޭޕީގައި އެބަހުއްޓެވެ. މިއަހަރުގެ މިހާތަނަށް ޓެރަރިޒަމްގެ އެކި ހާދިސާތަކުގައި 600 އަށްވުރެ ގިނަ އާންމުންނާއި 1000 އަށްވުރެ ގިނަ ސަލާމަތީ ބާރުތަކުގެ މީހުން ވަނީ މަރުވެފައެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރު (ޕީއޯޖޭކޭ) ގައި ވެސް ދަނީ މަދަނީ ބަސްނޭހުމުގެ ހަރަކާތްތައް ހިންގަމުންނެވެ. މުޒާހަރާތަކާ ގުޅިގެން އެ ސަރަހައްދު ވަނީ ބަންދުކޮށް، މުއާސަލާތީ ގުޅުންތައް ކަނޑާލާފައެވެ. ސުލްހަވެރި މުޒާހަރާވެރިންނާ ދެކޮޅަށް އަނިޔާވެރިކަން ދަނީ އިތުރުވަމުންނެވެ. ސުލްހަވެރި މުޒާހަރާތައް ހަތިޔާރުއެޅި އުދުވާނަކަށް ބަދަލުވުމަކީ ވަގުތުގެ ކަމެއްކަން ސަރުކާރަށް އެނގޭ ފަދައިން، އެ ސަރަހައްދަށް ވަނީ އިތުރު ސަލާމަތީ ބާރުތައް ފޮނުވާފައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ޕާކިސްތާނުގެ ކަންކަން ކޮންޓްރޯލްކުރާ އަސްކަރިއްޔާއަށް ދަނީ ކޮންމެ ދުވަހަކުވެސް ނާކާމިޔާބީތަކާ ކުރިމަތިވަމުންނެވެ.

އިންޑަސް ވޯޓަރ ޓްރީޓީ (އައިޑަބްލިއުޓީ) އާ ގުޅިގެން އިންޑިއާއަށް އިންޒާރު ދިނުމަށް ކޯރ ކޮމާންޑަރުންގެ ބައްދަލުވުމެއްގައި މުނީރު ވިދާޅުވެފައިވަނީ "ޕާކިސްތާނަށް ލިބެންޖެހޭ ފެނުގެ ހައްގު ހޯދުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ" ކަމަށެވެ. ނަމަވެސް މިއީ ހަމައެކަނި ބަހުގެ ހަމަލާތަކެކެވެ. އިންޑިއާއާ ދެކޮޅަށް ބޭނުންކުރަން ތައްޔާރުކޮށްފައިވާ ސިފައިންގެ ފައުޖުތައް މިހާރު ވަނީ ޕާކިސްތާނުގެ ހުޅަނގުގެ ޕްރޮވިންސްތަކުގައި އުފެދެމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފޮނުވާފައެވެ.

ޕާކިސްތާނުގެ ޚާރިޖީ މަސްރަޙުވެސް އޮތީ އުޖާލާކޮށެއް ނޫނެވެ. މުނީރު އިސްވެ ހުންނަވައިގެން ސައުދީ އަރަބިއްޔާއާއެކު 'މައްކާ ޕެކްޓް' އަދި 'ސްޓްރެޓެޖިކް މިއުޗުއަލް ޑިފެންސް އެގްރީމެންޓް' (އެސްއެމްޑީއޭ) ގައި ވަނީ ސޮއިކޮށްފައެވެ. ނަމަވެސް ސައުދީގެ ވެރިރަށް ރިޔާޟަށް ޔަމަނުގެ އުތުރުން ޙޫޘީންގެ ހަމަލާތައް ދަނީ އަމާޒުވަމުންނެވެ. އެމެރިކާއާ ދެކޮޅުވެރިކަން އޮންނަ އީރާނުގެ މަދަދު ލިބޭ ޙޫޘީން ދަނީ ސައުދީގެ އުމްރާނީ ތަންތަނަށް ހަމަލާދީ، އެގައުމުގެ މުދާ އެކްސްޕޯޓުކުރާ ކަނޑުގެ މަގުތައް ބަންދުކޮށް ޕްރެޝަރު ބޮޑުކުރަމުންނެވެ.

އެމެރިކާއިން މިކަމަށް ފިޔަވަޅު އަޅަން ދެކޮޅުހަދާފައިވާއިރު، އިސްރާއީލުން ވަނީ ސައުދީން 'އަބްރަހަމް އެކޯޑްސް' ގައި ބައިވެރިވެއްޖެނަމަ އެހީތެރިވާނެކަމަށް ބުނެފައެވެ. ނަމަވެސް ސައުދީން އެކަމާ ދަނީ ފަސްޖެހެމުންނެވެ. އެމެރިކާ މެދުވެރިވެގެން އެކުލަވާލާފައިވާ މި އެއްބަސްވުމަކީ އިސްރާއީލާއި އަރަބި އަދި މުސްލިމް ގައުމުތަކާ ދެމެދު ގުޅުން ގާއިމުކުރުމަށް ހަދާފައިވާ އެއްބަސްވުމެކެވެ. ސޫދާނުން މީގެ އާންމު ގަރާރެއްގައި ސޮއިކޮށްފައިވާއިރު، ޔޫއޭއީ، ބަހްރެއިން އަދި މޮރޮކޯ އިން ވަނީ އިސްރާއީލާއެކު ގުޅުން ގާއިމުކޮށްފައެވެ.

އެސްއެމްޑީއޭ އަދި މައްކާ ޕެކްޓްގައި ސޮއިކުރުމަށްފަހު، މެދުއިރުމަތީގެ ހަނގުރާމަ އަވަހަށް ނިމޭނެކަމަށް އުންމީދުކުރި ޕާކިސްތާނު މިހާރު މިވަނީ ހަތަރުއުދަރެސް ފެނުޖެހިފައެވެ. "އެކަކަށް ދެވޭ ހަމަލާއަކީ އެންމެންނަށް ދެވޭ ހަމަލާއެއް" ކަމަށް ބުނާ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތް ނަމަވެސް، ޙޫޘީންނަށް ހަމަލާދީފިނަމަ އަވަށްޓެރި އީރާނުގެ ނުރުހުން އަމާޒުވެ، ޕާކިސްތާނު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެއެވެ. އެހެންކަމުން ޕާކިސްތާނުން މިހާރު ބުނަމުންދަނީ އެ އެއްބަސްވުންތަކަކީ ހަމައެކަނި ދިފާއީ އެއްބަސްވުންތަކެއް ކަމަށާއި، ސައުދީއަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޔަމަނާއެކު އެއްގަމު ހަނގުރާމައަކަށް ދިއުމަކީ ޕާކިސްތާނުން އެންމެ ބޭނުންނުވާނެ ކަންތަކެވެ. ޕާކިސްތާނުން ހަމަލާދީފިނަމަ، އެގައުމުގެ އެންމެ ބޮޑު ސަހަރު ކަމަށްވާ ކަރާޗީއަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ޙޫޘީން ވަނީ ދީފައެވެ. ނަމަވެސް ޕާކިސްތާނުގެ އިޤުތިޞާދު ކޮޅަށްޖެހުމަށް ސައުދީން 8 ބިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާތީ، ރިޔާޟުން އަންގާ ގޮތަކަށް އަމަލުކުރަން ޕާކިސްތާނަށް މަޖުބޫރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ޕާކިސްތާނުގެ އެތެރޭގެ ހާލަތު އޮތްގޮތުން ޙޫޘީންނާ ދެކޮޅަށް ހަނގުރާމައަކަށް ދިއުމުގެ ފުރުސަތެއް ނެތެވެ. އިންޑިއާ އަދި އަފްޣާނިސްތާނުގެ ބޯޑަރުގައި އޮތް ނުތަނަވަސްކަމާހުރެ ސިފައިން އަނބުރާ ގެނެވޭކަށް ނެތެވެ. ޕާކިސްތާނުގެ އިޤުތިޞާދު އޮތީ ފުނޑުފުނޑުވެފައެވެ. ތަކެތީގެ އަގުބޮޑުވެ، ތެޔޮ ލިބުން ދަތިވެ، ވަޒީފާނެތް މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޕާކިސްތާނުގެ ބިމުން ބޭރުގައި ކުރާ ހަނގުރާމައެއްގައި ސިފައިން މަރުވާން ފަށައިފިނަމަ، އެއީ ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވުމަށް މެދުވެރިވާނެ ސަބަބަކަށް ވެދާނެއެވެ.

މިވަގުތު ޕާކިސްތާނުގެ ވެރިން ތިބީ ދެކޮޅަށްވެސް ނުކެނޑޭ ފުން ވަޅުގަނޑެއްގެ ތެރޭގައެވެ. ރިޔާޟް ރުއްސުމަށްޓަކައި ކޮންމެވެސް އެއްގޮތަކަށް އަމަލުކުރަން ޖެހިފައިވާއިރު، އިސްކަންދޭނީ އެތެރޭގެ މައްސަލަތަކަށްތޯ ނުވަތަ ބޭރުގެ މައްސަލަތަކަށްތޯ ނިންމަން އެގައުމަށް މިވަނީ މަޖުބޫރުވެފައެވެ.

Ads by Ooredoo