ލީޑަރުންގެ ގޮތުގައި އަންހެން ކުދިން ބިނާކުރުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ: ރައީސް
ޤައުމުގެ މުސްތަޤުބަލު އާރާސްތުކުރާނެ އިސްވާރުންގެ ގޮތުގައި އަންހެން ކުދިންނާއި ޒުވާން އަންހެނުން ތަރުބިއްޔަތުކޮށް، އެ ކަނބަލުންނަށް ބޭނުންވާ އެންމެހައި ފަހި ފުރުޞަތުތައް ސަރުކާރުގެ ފަރާތުން ތަނަވަސްކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި ޚާއްޞަ ރައީސްގެ މި ބަޔާނުގައި އިތުރަށް އަލިއަޅުއްވާލައްވާފައިވާ ގޮތުގައި، ދުނިޔޭގެ ނިސްބަތުން އަންހެން ކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރަމުންގެންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާ އެކު ދެމިއޮންނާނެއެވެ. އަދި މިހާރުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އަންހެން ކުދިންގެ ކިބައިގައި ހުރި ހުނަރާއި ޤާބިލިއްޔަތުކަން އޭގެ އެންމެ މަތީ ދަރަޖައިގައި ބޭނުންހިފޭނެ މަގު ކޮށައިދިނުންކަމާއި، އަމާން އަދި ރައްކާތެރި ވެށްޓެއްގެ ތެރެއިން ޤައުމު ބިނާކުރުމުގެ މުހިންމު މަސައްކަތްތަކުގައި އަންހެނުންގެ ހިއްސާ ފުޅާކުރެވޭނެ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިފަދަ މަތިވެރި އަމާޒަކަށް ވާޞިލުވެވޭނީ ހަމައެކަނި ސަރުކާރުގެ މަސައްކަތުން ނޫންކަމަށާއި، އެކަމުގައި ޢާއިލާތަކާއި، މުޖުތަމަޢުގެ އިތުރުން ގުޅުންހުރި އެންމެހައި މުއައްސަސާތަކާއި ފަރުދުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި، މިއަދު އަންހެން ދަރިންގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރެވޭ ކޮންމެ ހޭދައަކީ، ކުރިމަގުގައި ތަފާތުކުރުންތަކުން އެއްކިބާވެފައިވާ، ހަމަހަމަ އަދި ތަނަވަސް މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރެވޭ ވަރަށް އަގުހުރި އިންވެސްޓްމަންޓެކެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 11ވަނަ ދުވަސް، ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނައިރު، މި އަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޚާއްޞަ ޝިޢާރަކީ "އެންޑިންގ ޗައިލްޑް މެރޭޖް އެންޑް އިންވެސްޓިންގ އިން ގާލްސް ރައިޓްސް"މިއެވެ.
