މަސްތުގެ ހާލަތުގައި ސައިކަލު ދުއްވި މީހާގެ ބަންދު އިތުރުކޮށްފި
މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވުމުގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ކ. މާފުއްޓަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އަޙްމަދު ފާރިޒްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ އިތުރު 30 ދުވަހަށް ދަމަހައްޓައިފިއެވެ.
މިދިޔަ ހަފުތާގެ ހަތަރުވަނަ ދުވަހު އޭނާ ހައްޔަރުކުރީ އާންމުންނަށް ނުރައްކާވާގޮތަށް އަމަލުކުރުމާއި، މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައެވެ. ކޯޓުން އޭނާގެ ބަންދު އިތުރުކުރީ ފުލުހުންގެ ރިޕޯޓުތަކާއި، ސީސީޓީވީ މަންޒަރުތައް އަދި ތުހުމަތުކުރެވޭ މީހާގެ ބަޔާނަށް ރިއާޔަތްކޮށް، އެކަށީގެންވާ ހެކި ހުރިކަމަށް ކަނޑައެޅުމަށްފަހުގައެވެ. މި ނިންމުމާ އެކު އަންނަ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހާ ހަމައަށް އޭނާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން، މަޑުކުރަން އެންގުމުން ވެސް އޭނާ ކިޔަމަންވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ވަންވޭއާ އިދިކޮޅަށް ދުއްވައި، ފުލުހުންގެ ކާރުގައި ޖައްސައި ފިލަން މަސައްކަތްކުރީއެވެ. ނަމަވެސް ފާރިޒް ވަނީ ފުލުހުން އޭނާގެ ސައިކަލުގައި ޖައްސައި ވައްޓާލީކަމަށް ބުނެފައެވެ. އޭނާ އަމިއްލައަށް ކޯޓުގައި އެއްބަސްވި ގޮތުގައި ހެލްމެޓު ނާޅައި ބްރިޖުމަތިން ދަތުރުކުރިއިރު އޭނާ ހުރީ މަސްތުވެގެންނެވެ. އެހެންނަމަވެސް، ސައިކަލުމަތީގައި އޮށޯވެގެން ދުއްވިކަމަށް ކުރެވޭ ތުހުމަތަށް އޭނާ އިންކާރުކުރެއެވެ.
ކޯޓު އަމުރުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ، މަސްތުގެ ހާލަތުގައި އުޅަނދު ދުއްވުމަކީ މުޅި މުޖުތަމައުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކާއެއްކަން ފާހަގަކުރައްވާފައެވެ.
ފާރިޒަކީ ޓްރެފިކްގެ އެތައް ޤާވާއިދަކާ ޚިލާފުވެފައިވާ މީހެކެވެ. އެގޮތުން ލައިސަންސް ނެތި އުޅަނދު ދުއްވުމާއި، ބާރު ސްޕީޑުގައި ދުއްވުމާއި، ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑުތައް އޭނާގެ އޮތްއިރު، ދައުލަތަށް ނުދައްކާ 44،000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޭނާގެ ނަންމަތީގައި އެބައޮތްކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
