ފުވައްމުލަކު ގެއެއްގައި މަސްތުވާތަކެތި ވިއްކާ މީހަކު ހައްޔަރުކޮށްފި
ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހޯދަޑު. ޒަމްހަރީރުގެ / ޏ. ފުވައްމުލައް، އިބްރާހީމް މަޢުޛޫ (36އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހު 11ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
އޭނާ ދިރިއުޅޭ ގޭގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން 7 ގުރާމު) އަދި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
