ވަޠަނީ ޚިދުމަތުގެ ބައިވެރިންނަށް ރައީސް ހިތްވަރު ދެއްވައިފި
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ތިންވަނަ ބެޗުގައި ހިމެނޭ 84 ދަރިވަރުން ބ. ކިހާދޫއަށް މިއަދު ފުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ފަރާތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
މީސްމީޑިއާ އެކްސް މެދުވެރި ކުރައްވައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ވަޠަނީ ޚިދުމަތުގެ ބައިވެރިންނަށް ހިތްވަރުދެއްވައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ކުރިއަށްގެންދާ މި ތަމްރީނުގައި މިފަހަރު ބައިވެރި ވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކުން ހޮވާލެވިފައިވާ ޒުވާނުންނެވެ. އޭގެ ތެރޭގައި 64 ފިރިހެން ކުދިންނާއި 20 އަންހެން ކުދިން ހިމެނޭއިރު، މިއީ ސްކޫލް ނިމުމަށް ފަހު އަމަލީ މައިދާނަށް ނުކުތުމަށް ތައްޔާރުވަމުންދާ ކުދިންނަށް އަމާޒުކޮށްގެން ހިންގޭ މުހިންމު ހަރަކާތެކެވެ.
ރައީސް ޑރ. މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެއްގެ ދަށުން ފަށައި، މިހާރު އެއް އަހަރު ފުރިފައިވާ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ، ނަފްސަށް އިތުބާރުކުރާ އަދި ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނީ ހުނަރުތައް ލިބިފައިވާ ޤައުމީ ރޫޙު ހުރި ޖީލެއް އުފެއްދުމެވެ. މިހާތަނަށް ހާހަކަށްވުރެ ގިނަ ދަރިވަރުން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު، ޖާގަ އޮންނަ ވަރަށްވުރެ ގިނަ އަދަދެއްގެ ކުދިން ކޮންމެ ފަހަރަކު ވެސް އަމިއްލައަށް އެދިގެން ކުރިމަތިލުމަކީ މިއަށް އޮތް ބޮޑު ތަރުޙީބު ހާމަކޮށްދޭ ކަމެކެވެ.
މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ސަރުކާރުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ދިފާޢީ ވުޒާރާގެ ނަމަށް ބަދަލުގެނެސް "ދިފާޢީ އަދި ވަޠަނީ ޚިދުމަތުގެ ވުޒާރާ"ގެ ގޮތުގައި ހަމަޖައްސާފައިވާއިރު، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މިކަން ކުރުމަށްޓަކައި ވަޠަނީ ޚިދުމަތުގެ ބިލެއް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
