ބީއެމްއެލްގެ ޓެކް އިންޓާންޝިޕަށް ހުޅުވާލައިފި
ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޓެކްނޮލޮޖީގެ ދާއިރާއަށް ޚާއްޞަކޮށްގެން އިންޓާންޝިޕްގެ 25 ފުރުސަތެއް މިއަދު ހުޅުވާލައިފިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް މުސާރައިގެ ގޮތުގައި މަހަކު 11،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ އިނާޔަތާއި، އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް، އަދި އާއިލީ ޒިންމާތަކަށް 10 ދުވަހުގެ ޗުއްޓީއެއް ވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.
މި އިންޓާންޝިޕަށް އެދި ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. ޚާއްޞަކޮށް އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ރޮނގަކުން ކިޔަވަމުންދާ ނުވަތަ ކިޔެވުން ނިންމާފައިވާ ފަރާތްތަކަށާއި، އެ ދާއިރާގެ ފަންނީ ހުނަރުވެރިކަން ލިބިފައިވާ ފަރާތްތަކަށް މި ފުރުސަތު އޮންނާނެކަމަށް ބޭންކުން މަޢުލޫމާތުދެއެވެ. މި މުއްދަތުގެ ތެރޭގައި، ބޭންކުގެ ފަންނީ މުވައްޒަފުންގެ އިރުޝާދުގެ ދަށުން ބޮޑެތި ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު އިންޓާނުންނަށް ފަހިވެގެންދާނެއެވެ.
މީގެ ހަ އަހަރު ކުރިން ފެށިގެން ބީއެމްއެލްއިން ސިލްސިލާކޮށް ހިންގަމުން އަންނަ މި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 98 ޒުވާނަކު ވަނީ ތަމްރީނުކޮށްފައެވެ. މީގެ ތެރެއިން 60 އިންސައްތަ ކުދިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ހަމަޖެހިފައިވާއިރު، އަލަށް ހޮވޭ ބައިވެރިންގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުން ހޯދާ ފަރާތްތަކަށް ބޭންކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެކަމުގެ ޔަޤީންކަން ބީއެމްއެލްއިން ވަނީ ދީފައެވެ.
