ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްއަށް ކާށިދޫއިން އެއް ހެކްޓަރުގެ ބިން ހަމަޖައްސަނީ
މި ސަރުކާރުން ފެށި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްއަށް ކާށިދޫއިން އެއް ހެކްޓަރުގެ ބިން ހަމަޖައްސަން ނިންމައިފިއެވެ.
ކާށިދޫ ކައުންސިލްއިން އެ ނިންމުން ނިންމީ އެ ކައުންސިލްގެ ފަސް ވަނަ ދައުރުގެ 20 ވަނަ އާންމު ބައްދަލުވުމުގައެވެ.
އެގޮތުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ކާށިދޫ ވެސް ހިމަނާފައިވާތީ އެ ރަށުގައި އެގްރޯފްރޮސްޓީ ދަނޑުތަކެއް ގާއިމުކުރުމަށް އެލްޔޫޕީގައި ހިމެނިފައިވާ ސަރަހައްދަކަކުން އެއް ހެކްޓަރުގެ ބިން ހަމަޖައްސަން ނިންމީ ކަމަށް ކައުންސިލްއިން ބުންޏެވެ.
ކާށިދޫއަކީ ރާއްޖޭގައި ބިމުގެ ގޮތުން އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ވެސް އެ ރަށުގައި ކޮށް އުޅެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ 2024ވަނަ އަހަރު ތިމާވެށީގެ ދުވަހުގަިއ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.
މި ގަސް އިންދުމުގެ ޕްރޮގްރާމް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައި ވެސް ކުރިއަށް ގެންދާނެއެވެ. އެގޮތުން، ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައި ވަނީ 4 ބާވަތެއްގެ ގަހެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި، މޭވާ އަޅާ ގަހާއި، ހިޔާ ލިބޭ ގަސްތަކުގެ އިތުރުން ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތަކެވެ.
ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި 90 އަށްވުރެ ގިނަ ބާވަތުގެ ގަސް އިންދުމަށް ހަމަޖެހިފައިވާއިރު މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ރަށްތަކުގައި ނާސަރީތައް ހަދައި އާންމުނަށް ގަސް ލިބޭ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
