ޚަބަރު

އިޤްތިސާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ބައިނަލްއަޤްވާމީ އެހީއަށް އެދިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
މާލީ ވަޒީރު ޙަސަން ޒަރީރު / ފޮޓޯ: ޕީއެސްއެމް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަނެ، ދައުލަތުގެ ރަސްމީ ރިޒާވް ހަރުދަނާކުރުމަށްޓަކައި ވޯލްޑް ބޭންކާއި ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.

ރޮއިޓާސް ނޫހަށް މައުލޫމާތު ދެއްވަމުން މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ބޭނުންވާ ހުރިހާ ތެލެއް ބޭރުން އިމްޕޯޓުކުރަން ޖެހޭއިރު، ތެލަށް ދޭ ސަބްސިޑީގެ ހަރަދު މިއަހަރު ވަނީ ތިން ގުނައަށް އުފުލިފައެވެ. މިކަމުގެ ސަބަބުން، މިއަހަރުގެ ބަޖެޓް ޑެފިސިޓް ކުރިން ލަފާކުރި 7.1 އިންސައްތައިގެ ބަދަލުގައި 9 އިންސައްތައަށް އަރާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ތައިލެންޑުގެ ބެންކޮކްގައި މި ހަފުތާގައި ކުރިއަށްދާ ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ފިސްކަލް ކޮންސޮލިޑޭޝަން ސިޔާސަތުތައް ހަރުދަނާކުރުން ކަމަށެވެ. އެހެންނަމަވެސް، މާލީ ލޮޅުންތަކުން ސަލާމަތްވެ އިޤްތިސާދީ ހަމަޖެހުން ގެނައުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުގެ ނޭދެވޭ އަސަރުތަކާ އެކު، 2026ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދީ ދުވެލި ހުންނާނީ 1 އިންސައްތައިގައި ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް އަހަރުތަކުގައި ދަރަނީގެ ގޮތުގައި އަހަރަކު 300 މިލިއަނާއި 400 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ދައްކަން ޖެހިފައިވާއިރު، މި ފައިސާ މައިގަނޑު ގޮތެއްގައި ހަމަޖެއްސުމަށް ހަމަޖެހިފައި ވަނީ އެތެރޭގެ އާމްދަނީންނެވެ.

މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި، އިންޑިއާއާ އެކު ހަދާފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުން މި މަހު އާކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން، އައިޓީއެފްސީއާ އެކު 1.5 ބިލިއަން ޑޮލަރުގެ ފަސް އަހަރުގެ އޮނިގަނޑު އެއްބަސްވުމެއްގައި މިދިޔަ މަހު ވަނީ ސޮއިކޮށްފައެވެ. މިއާ އެކު، އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް ވޯލްޑް ބޭންކުން ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު ފޯރުކޮށްދޭނެކަން ވެސް ވަނީ ހާމަކޮށްފައެވެ. ސަރުކާރުގެ ލަނޑުދަނޑިއަކީ އަންނަ އަހަރު 3.8 އިންސައްތައިގެ ކުރިއެރުމެއް ހޯދުމާއި، 2028ވަނަ އަހަރާ ހަމައަށް 6.8 އިންސައްތައަށް އިގްތިސާދު ފުޅާކޮށް، އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތައް 33 އިންސައްތައަށް އިތުރުކުރުމެވެ.

ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް އިގްތިސާދު ކޮޅަށްޖެހުމަށްޓަކައި، ޤައުމީ އެއާލައިން މޯލްޑިވިއަންއަށް އައު ބޯޓުތައް ގެނެސް، ރާއްޖެއަށް އަށްވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ބައިނަލްއަޤްވާމީ އިތުރު 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުފެށުމުގެ މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

Ads by HDC