ޚަބަރު

އާންމުވި ވީޑިއޯއިން ފެނުނު ހަތިޔާރަކީ ކުޅޭކުޅޭ އެއްޗެއް: ފުލުހުން

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މީސްމީޑިއާގައި އާންމުވި ވީޑިއޯއަކާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުން، އެއީ ވީޑިއޯއެއް ކުޅުމަށް ބޭނުންކުރި ކުޅޭކުޅޭ ބަޑިތަކެއްކަން ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއްގެ ތެރޭގައި ތިބި ބަޔަކު ހަތިޔާރުތަކެއް ގެންގުޅޭ މަންޒަރު ފެންނަ ގޮތަށް މި މަހުގެ 14ވަނަ ދުވަހުގެ ރޭ ނަގާފައިވާ ވީޑިއޯއެއް އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދުނު އެ މަންޒަރުތަކާ ގުޅިގެން ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން، ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ އޮފިސަރުންނަށް ވަނީ އެ ވީޑިއޯއިން ފެނުނު ރަތް ކާރު، ހުޅުމާލޭގެ ދެވަނަ ރުއްގަނޑު ސަރަހައްދުން ފެނިފައެވެ.

ފުލުހުން އެ އުޅަނދު ހުއްޓުވައި، އޭރު ކާރާ ހަވާލުވެހުރި ޑްރައިވަރާ ސުވާލުކުރުމުން އެއީ ކުއްޔަށް ނަގައިގެން ދުއްވާ އުޅަނދެއްކަން ވަނީ ހާމަވެފައެވެ. އެއާ އެކު، އެ ވަގުތަށް ކާރު ކުއްޔަށް ހިފި ފަރާތް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރުމުން، އެއީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވީޑިއޯއެއް އުފެއްދުމުގެ ބޭނުމަށް ގެންގުޅުނު ކުޅޭކުޅޭ ތަކެތިކަން އޭނާ ވަނީ ފުލުހުންނަށް ކިޔައިދީފައެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ، އެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ގެންގުޅުނު ކުޅޭކުޅޭ ބަޑިތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ޤާނޫނީ ގޮތުން އިތުރަށް ފުރިހަމަކުރަންޖެހޭ ތަހުގީގުތައް މިހާރު ކުރިއަށްދާ ކަމަށް ވެސް އެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ.

Ads by HDC