ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން މަޖިލީހުން ފާސްކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާގެ "އޮޕްޝަނަލް ޕްރޮޓޮކޯލް"ގައި ރާއްޖެއިން ބައިވެރިވުމަށް، ރައްޔިތުންގެ މަޖިލީހުގެ 64 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ވެސް ރުހުންދީފައިވާ މި ޕްރޮޓޮކޯލަކީ، 2010ވަނަ އަހަރު ރާއްޖެއިން ތަޞްދީޤުކޮށްފައިވާ އަސާސީ މުޢާހަދާގެ ދަށުން ލިބިދޭ ޙައްޤުތައް ބައިނަލްއަޤްވާމީ ފެންވަރެއްގައި ތަންފީޒުކޮށް، މެންބަރު ޤައުމުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމު ހަރުދަނާކުރާ މުހިންމު އެއްބަސްވުމެކެވެ. މިއީ މައި މުޢާހަދާގައި ސޮއިކުރާ ޤައުމުތަކުން އަމިއްލަ އިޚުތިޔާރުގައި ބައިވެރިވުމަށް ހުޅުވާލެވިފައިވާ ޕްރޮޓޮކޯލެކެވެ.
މައިގަނޑު ދެ ނިޒާމެއްގެ މައްޗަށް ބިނާކޮށްފައިވާ މި ޕްރޮޓޮކޯލްގެ ދަށުން، ޤައުމުގެ އެތެރޭގެ ޝަރުޢީ އަދި ޤާނޫނީ މަރުޙަލާތައް ފުރިހަމަކޮށް ނިމުމަށް ފަހު ވެސް އިންސާފު ނުލިބިއްޖެނަމަ، އދ.ގެ ކަމާ ބެހޭ ކޮމިޓީއަށް ވަކިވަކި ފަރުދުންނަށް ސީދާ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި ހަމައެހެންމެ، މުޢާހަދާއާ ޚިލާފު ބޮޑެތި ޢަމަލުތަކެއް ނިޒާމީ ސިފައެއްގައި ހިންގާކަމުގެ ތުހުމަތު އިތުބާރުހުރި ގޮތެއްގައި ކުރެވިއްޖެ ޙާލަތެއްގައި އެކަން ތަޙުޤީޤުކުރުމުގެ ބާރު ވެސް އދ.ގެ ކޮމިޓީއަށް މި ޕްރޮޓޮކޯލްގެ ތެރެއިން ލިބިގެންދެއެވެ.
މީގެ 14 އަހަރު ކުރިން، 5 އެޕްރީލް 2010ގައި ރާއްޖެއިން މައި މުޢާހަދާގައި ސޮއިކުރި ނަމަވެސް، އިޚުތިޔާރީ މި ޕްރޮޓޮކޯލްގައި މިހާތަނަށް އޮތީ ބައިވެރިނުވެއެވެ. އެހެންނަމަވެސް، އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެކިއެކި ރިވިއުތަކުގައި، ވީ އެންމެ އަވަހަކަށް މި އެއްބަސްވުމުގައި ބައިވެރިވުމަށް ރާއްޖެއަށް މީގެ ކުރިން ވަނީ ގިނަގުނަ ރިކޮމެންޑޭޝަންތަކެއް ލިބިފައެވެ.
