މީރާގެ ޑެޕިއުޓީ ކޮމިޝަނަރުކަމަށް ޝަފްނީޒް ގެންނަން މަޖިލީހުން ފާސްކޮށްފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ސ. ހުޅުދޫ ބަގީޗާގޭ އަޙްމަދު ޝަފްނީޒް އައްޔަންކުރުމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރުހުންދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވި ތިން ނަންފުޅުގެ ތެރެއިން، ޝަފްނީޒަށް އެ މަގާމު ދިނުމަށް ފެންނަކަމަށް 55 މެންބަރަކު ވަނީ ވޯޓުދެއްވާފައެވެ. އޭނާއަށް މަޖިލީހުގެ ރުހުން ލިބިވަޑައިގަތީ، މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މައްސަލަ ދިރާސާކޮށް ބޭއްވި އިންޓަވިއުގައި 96.20 އިންސައްތައިގެ މަތީ ނަތީޖާއެއް ހާސިލުކުރައްވާފައި ވަނިކޮށެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފާޠިމަތު އަމީޒާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މިދިޔަ ޖުލައި މަހުގެ 19ގައި އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު ބަޔާންކުރާ ގޮތުން، މީރާގެ އިސް ދެ މަގާމަށް ވެސް ބޭފުޅުން އައްޔަންކުރައްވާނީ އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިންނެވެ. އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންޖެހޭނެކަމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.
