ޚަބަރު

އެކްސިޑެންޓްތައް މަދުކުރުމަށް ހުޅުމާލޭގެ މަގުތަކުގައި ބަންޕަރު ހަދަން ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލެ ސަރަހައްދުގައި ފަހަކަށް އައިސް މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިންތިހާއަށް އިތުރުވެފައިވާތީ، އެކަން ހައްލުކުރުމުގެ މަގުސަދުގައި ފުލުހުންގެ ލަފާގެ މަތިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސްޕީޑް ބަންޕަރުތައް ހަދަން ފަށައިފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށްގެންދަނީ ސީދާ ދިވެހި ފުލުހުންގެ ހިދުމަތުގެ އިރުޝާދުގެ ދަށުންނެވެ. އެގޮތުން، ތާރު އަޅައިގެން ހަދާ މި ބަންޕަރުތަކާއި ޓްރެފިކް ނިޝާންތައް ގާއިމުކުރަމުން ދަނީ އެކްސިޑެންޓްވުމުގެ ފުރުސަތު އެންމެ ބޮޑުކަމަށް ފުލުހުންގެ ރެކޯޑުތަކުން ދައްކާ މަގުތަކުގައެވެ.

މީގެ ކުރިން ވެސް ހުޅުމާލޭގައި ސްޕީޑް ބްރޭކަރުތަކެއް ހަރުކުރުމުން އެކްސިޑެންޓްތަކުގެ އަދަދު 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދިޔަކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. ނަމަވެސް، އޭރު ބޭނުންކުރި މެޓީރިއަލް އަދި ފަރުމާއާ މެދު އާންމުންގެ ޝަކުވާ ބޮޑުވުމާ ގުޅިގެން ފަހުން އެތަކެތި ވަނީ ނަގާފައެވެ.

މިފަހަރު އަލަށް ހަދާ ބަންޕަރުތަކަކީ ހުޅުމާލެ ތަރައްގީކުރިއިރު ފުރަތަމަ ވެސް ބޭނުންކުރި ފަދަ އާދައިގެ ތާރު ބަންޕަރުތަކެއް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެޗްޑީސީން މަސައްކަތްކުރަމުންދާއިރު، ބާރު ސްޕީޑުގައި އުޅަނދު ދުއްވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމާއި މާލެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުން ފުލުހުން ވެސް ވަނީ މިހާރު ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.

Ads by Ooredoo