ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ޑިންގީއެއްގައި ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތަރިކަ / ޅ. ނައިފަރު، މުޙައްމަދު ޘާޤިބް (36އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކާށިދޫ ޕޮލިހުން ހިންގި އޮޕަރޭޝަންގައި، ޑިންގީއެއްގައި ދަތުރުކުރަމުންދަނިކޮށް ކ. އޮޅަހަލި ކައިރި ކަނޑުމަތިންނެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި، ކަނޑުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ 226 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
