ޚަބަރު

ރަސްމާލޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ޖާގައެއް ނޯންނާނެ: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ ބޮޑު މަޝްރޫޢުގެ ތެރެއިން ބިދޭސީންނަށް އެހެން ދީންތަކުގެ އަޅުކަންކުރުމުގެ ފުރުސަތު ދޭނެކަމަށް ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި، އެ ސަރަޙައްދުގައި ފުރިހަމައަށް ހިނގާނީ ދިވެހިރާއްޖޭގެ އިސްލާމީ ޤާނޫނުތައްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

"ދަ ޕަލްސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލޭގައި ބޭރުގެ ބޮޑު އާބާދީއެއް ވަޒަންވެރިވެ، ޣައިރު ދީންތަކުގެ ފައްޅިތަކާއި ސްކޫލްތައް އެޅުމަށް ސަރުކާރުން ހުއްދަދޭން އުޅޭކަމަށް ބުނެ ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ވާހަކަތަކަށް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއީ ކަނޑައެޅިގެން އެއްވެސް ހަޤީޤަތެއް އެކުލެވިގެންނުވާ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ބޭކާރު ވާހަކަތަކެކެވެ.

މިކަން އިތުރަށް ސާފުކޮށްދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބަލާއިރު ވެސް އެވްރެޖްކޮށް އެއްފަހަރާ ދެލައްކައެއްހާ ފަތުރުވެރިން އުޅޭކަމަށާއި، އަދި މާލެ ސަރަޙައްދުގައި އެކަނި ވެސް ލައްކައަކަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ބަޔަކަށް ރާއްޖޭގެ އެއްވެސް ރަށެއްގައި ނުވަތަ ރިސޯޓެއްގައި ވެސް އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ އަޅުކަންކުރާނެ ބިނާއެއް އެޅުމުގެ ޙައްޤު ނޯންނަ ފަދައިން، ރަސްމާލޭގައި ވެސް ހުންނާނީ ހަމައެކަނި މުސްލިމުންގެ މިސްކިތްތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އީގަލް ހިލްސްއިން ޢިމާރާތްކުރާ ތަންތަން ގަނެގެންނާއި، ފަތުރުވެރިންގެ ގޮތުގައި އެ ސަރަޙައްދަށް ބިދޭސީން ޒިޔާރަތްކުރި ނަމަވެސް، އެއިން އެއްވެސް ފަރާތަކަށް ދިވެހި ރައްޔިތުކަން ނުލިބޭނެކަން ރައީސް ކަށަވަރުކޮށްދެއްވިއެވެ. އަދި އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރެވިގެންދާނެ ކަމަށާއި، މުޅި މަޝްރޫޢު ތަންފީޒުވެގެންދާނީ ވަރަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރަސްމާލޭގެ ޖުމްލަ 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގައި އީގަލް ހިލްސްއިން ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢަކީ 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެކެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އެއް ތަރައްޤީގެ މަޝްރޫޢެވެ.

Ads by HDC