ޚަބަރު

ރާއްޖެއިން ބުރުނާއީއަށް ކަނޑައެޅުއްވި ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރާއްޖެ އިން ބުރުނާއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބުރުނާއީ ގެ ރަސްގެފާނު ސުލްޠާން ޙާޖީ ޙަސަނަލް ބޮލްކިއާ މުޢިއްޒައްދީން ވައްދައުލާ އިބްނި އަލް-މަރްޙޫމް ސުލްޠާން ޙާޖީ އޮމަރ އަލީ ސައިފުއްދީން ސަ'އާދުލް ޚައިރީ ވައްދީންއަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިސްތާނާ ނޫރުލް އީމާން ގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު، ރަސްގެފާނުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ސަފީރު  ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ބުރުނާއީގެ ރަސްގެފާނަށް ތަހުނިޔާއާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ.

މިބައްދަލުވުމުގައި، ރަސްގެފާނުގެ ވާހަކަފުޅުގައި އެކަމަނާ އަށް މަރުހަބާ ދަންނަވައި ދެގައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމުގައި ކުރެވޭ މަސައްކަތުގައި ބުރުނާއީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމަނާއަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ.

ސަފީރު ވަނީ، ދިވެހިރާއްޖެ އިން ބުރުނާއީ އަށް ކަނޑައަޅުއްވާފައިވާ ނޮން ރެޒިޑެންޓް ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމަށް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ބުރުނާއިގެ ރަސްގެފާނަށް އަރުވާފައިވެއެވެ.

Ads by Ooredoo