ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރި 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށް ނިންމައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ބޭނުމުގައި، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ދޭދޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އުފުލުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ދެ ގައުމުގެ އިސްވެރިން ދެއްވި ގުޅިފައިވާ ނޫސްބަޔާނެއްގައި، ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ އިގްތިސާދީ ގުޅުން ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މިހާރު 13.9 މިލިއަން ޑޮލަރުގައި އޮތް ވިޔަފާރީގެ މުއާމަލާތްތައް، ރައީސް މުޢިއްޒުގެ ފުރިހަމަ ތާއީދާއެކު އަމާޒަށް ވާސިލުކުރެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.
މި ދަތުރުފުޅުގައި ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް 20 ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވީ، ސޮއިކުރެވުނު އެއްބަސްވުންތައް ވީއެންމެ އަވަހަކަށް އަމަލީގޮތުން ތަންފީޒުކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ. މީގެ އިތުރުން، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މި މުނާސަބަތުގައި، ދިފާއީ އަދި ފުލުހުންގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް އެހީތެރިވެދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިހާރުވެސް ޕާކިސްތާނުގެ 250 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން ރާއްޖޭގައި މަސައްކަތްކުރަމުންދާއިރު، ދިވެހި ގިނަ ދަރިވަރުންތަކެއް އަންނަނީ އެ ގައުމުން މަތީ ތައުލީމު ހާސިލުކުރަމުންނެވެ.
ދިވެހި ސަރުކާރުގެ ތިމާވެށީގެ ސިޔާސަތު ކަމަށްވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕާކިސްތާނުން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭން ނިންމާފައެވެ. އެގޮތުން ލައްކައެއްހާ ޒައިތޫނި ގަހާއި، އެކި ބާވަތްތަކުގެ އެއް ލައްކަ ގަސްއޮށް ރާއްޖެއަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކުރިއެރުވުމަށް، ޑޭޓާ ސެންޓަރުތައް ހެދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް ވެސް ޕާކިސްތާނުން ވަނީ އެއްބަސްވެފައެވެ.
ނޫސްބަޔާން ނިންމަވާލައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ބައިނަލްއަގްވާމީ މަސްރަހުގައި، ހާއްސަކޮށް ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި ރާއްޖެއިން ކެރިގެން ވަކާލާތުކުރަމުންދާތީ އެކަމަށް ނުހަނު ތައުރީފުކުރައްވާފައެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ރައީސް ޑރ. މުޢިއްޒު އުފުއްލަވާ އަޑާ އެކު ޕާކިސްތާނުން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
