ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ހުޅުމާލެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމާލޭ ހިޔާ 11ވަނަ ޓަވަރުގެ 23ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ކުއްލި ގޮތަކަށް އަލިފާން ރޯވުމުގެ ސަބަބުން، އެ ތަނުގެ ބަދިގެ އެއްކޮށް އަނދައި ދުމުގެ އަސަރުކުރުމާ ގުޅިގެން ހަތަރު މީހަކު ހާލުގައި ޖެހިފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، އަލިފާނުގެ ސަބަބުން އެޕާޓްމަންޓުގެ ބަދިގެއަށް ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން މުޅި ގޭތެރެއަށް ބޯ ދުންގަނޑު ފެތުރިފައިވުމާ އެކު، އެ ތަނަކީ މިވަގުތު ދިރިއުޅެން އެކަށީގެންވާ ތަނަކަށް ނުވުމުން ކަމާބެހޭ އިދާރާތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
މީގެ އިތުރުން އެ އޮތޯރިޓީގެ ޓީމުތަކުން އެ ސަރަހައްދުގައި ވަގުތުން ހަރަކާތްތެރިވެފައިވާ ކަމަށާއި އެ ގޭގައި ދިރިއުޅެމުންދިޔަ ހަތަރު މީހަކަށް ބޭނުންވާ އެއް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، ކުރިއަށް އޮތް ފަސް ދުވަހަށް ބޭނުންވާނެ ކެއިންބުއިމުގެ ކަންކަން ވެސް އެ އިދާރާއިން މިހާރު ހަމަޖައްސައިދީފައިވާ ކަމަށް މައުލޫމާތުދެއެވެ.
