ޚަބަރު

ފުނަދޫ ޝެޑުގެ އަލިފާނުގެ ހާދިސާ: 20 މީހަކަށް އަނިޔާވެ، ބައެއް ޢިމާރާތްތަކަށް ގެއްލުންވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ),

ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހާމަކޮށްފިއެވެ.

މިއަދު ހެނދުނު 11:00 ހާއިރު އަލިފާންގަނޑު މައިތިރިކުރެވުނު ނަމަވެސް، އެ ސަރަހައްދުގައި އަދިވެސް ބޯކޮށް ދުން ހުރުމުގެ ސަބަބުން ފަޔަރ ފައިޓަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި ދުމުގެ އަސަރު ކުރުމާއި، ފިހުމުގެ އިތުރުން އެކި ކަހަލަ އަނިޔާތައް ލިބުނު 20 މީހަކަށް ފުނަދޫ ސިއްޙީ މަރުކަޒުގައި ވަނީ ފަރުވާ ދީފައެވެ. ސިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވި ގޮތުގައި، އަނިޔާވި އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ. އަދި ފަރުވާއަށް ފަހު ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކައިރީގައި ހުރި ބައެއް އިމާރާތްތަކަށް ވެސް ވަނީ ފެތުރިފައެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ ބައެއް ގެތަކުން މީހުން ހުސްކޮށްފައިވެއެވެ.

އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ފުލުހުންނާއި، އެ ރަށު އެއާޕޯޓުގެ ފަޔަރ ޓީމުގެ އިތުރުން އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ކުޅުދުއްފުށިން ދިޔަ އެމްއެންޑީއެފްގެ ފަޔަރ ޓީމާއި ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ ފަޔަރ ޓީމުން ފޯރުކޮށްދިން އެހީތެރިކަމާ އެކުގައެވެ.

Ads by Ooredoo