ޚަބަރު

ފުނަދޫގެ އަލިފާނުގެ ހާދިސާ ތަހުގީގުކުރަން ފުލުހުންގެ ޚާއްސަ ޓީމެއް އެ ރަށަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ),

ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ތަހްގީގުކުރުމަށް، ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމެއް އެ ރަށަށް ދިއުމަށް ނިންމައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށާއި، ތަހުގީގަށް ބޭނުންވާ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް މި ޓީމު ފުނަދޫއަށް މިއަދު ހެނދުނުގެ ވަގުތެއްގައި ދާނެއެވެ. ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކޯޑަންކޮށް ބަންދުކޮށްފައެވެ.

މި ބޮޑު އަލިފާނުގެ ސަބަބުން އެ ސަރަހައްދަށް ވަނީ އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޕެޓްރޯލް ޝެޑުން ފެށުނު އަލިފާންގަނޑު ކައިރީގައި ހުރި އިމާރާތްތަކަށް ފެތުރި، އިންޖީނު މަރާމާތުކުރާ ގަރާޖަކާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ތަނަކާއި މީހުން ދިރިއުޅޭ ގެއެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

މި ހާދިސާގައި ޖުމްލަ 18 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެންނާއި ސިއްހީ އެހީތެރިކަން ބޭނުންވެގެން ފަރުވާ ދީފައިވެއެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ފަރުވާ ހޯދި ފަޔަރ ފައިޓަރަކާއި ހޮސްޕިޓަލް މުވައްޒަފެއް ހިމެނެއެވެ. ބާކީ ތިބި 16 މީހުންނަކީ އަލިފާނުގެ ތެރޭގައި އެއްޗެއް ގޮވުމުން ރައްކާތެރިކަން ހޯދަން އުޅުމުގެ ތެރޭގައި އަނިޔާވި މީހުންނާއި، ހާދިސާގެ ބިރުވެރިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ހާސްވެ ކަންބޮޑުވި މީހުންނެވެ.

Ads by HDC