ޚަބަރު

"ހޯމް-ސްކޫލިންގ" ތައާރަފްކުރަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ ދަތިތަކެއްގެ ސަބަބުން މަދުރަސާއަށް ހާޒިރުވެގެން އުނގެނުމަށް އުޒުރުވެރިވާ ކުދިންނަށް، ގޭގައި ބައިތިއްބައިގެން ތައުލީމު ފޯރުކޮށްދިނުމުގެ ނިޒާމެއް ތައާރަފްކުރުމަށްޓަކައި، ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ކުއްޖާގެ ނަފްސާނީ ހާލަތަށާއި ހާއްސަ އެހީއަށް ބޭނުންވާ މިންވަރަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި ތިބެގެން މަދުރަސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން "ހޯމް-ސްކޫލިން" ޕްރޮގްރާމްގެ ދަށުން ކިޔެވޭނެ ޝަރުތުތަކާއި އުސޫލުތައް ގާނޫނީ ގޮތުން ކަނޑައެޅުމާއި، މި ނިޒާމު ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު މިހާރަށްވުރެ ތަފްސީލީ ގޮތެއްގައި ބަޔާންކުރުން މި ބިލުގައި ހިމެނެއެވެ.

ތައުލީމު ހާސިލުކުރުން މަޖުބޫރުވާ އުމުރުގެ ކުދިންގެ ތެރެއިން، ހޯމް-ސްކޫލިންއަށް ޝަރުތުހަމަވާނީ ތިން ހާލަތެއް މެދުވެރިވެގެންނެވެ. އެއީ:
1. ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން.
2. ނަފްސާނީ ގޮންޖެހުންތަކެއް ހުރުން.
3. އެނޫން ވެސް ބޮޑު ހާއްސަ ހާލަތެއް ދިމާވެފައިވުން.

މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ކުއްޖާގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި،

  1. ސްކޫލަށް ހާޒިރުވެގެން ކިޔެވުމަށް ނުކުޅެދިފައިވާ ކުއްޖަކަށްވުން.
  2. ގޭގައި ކިޔަވައިދިނުމަށް ބޭނުންވާ މާލީ ގާބިލުކަން ބެލެނިވެރިންގެ ކިބައިގައި ހުރުން ހިމެން
  3. ހޯމް-ސްކޫލިންގައި ކިޔަވާ ކުއްޖާއަކީ ވެސް މަދުރަސީ ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލެއްގައި ރަޖިސްޓަރީވެފައިވާ ކުއްޖަކަށްވުން

ބިލުގައިވާ ގޮތުން، މި އުސޫލުން ކިޔަވާ ކުދިން ކަނޑައަޅާނެ އެސެސްމެންޓްތައް ހަދާނެ ގޮތާއި، ކިޔަވައިދޭނެ ޕްލޭންތަކާއި، މުދައްރިސުންގެ ޝަރުތުތައް ކަނޑައެޅުމުގެ ބާރު ތައުލީމީ ވުޒާރާއަށް ލިބިގެންވެއެވެ. އަދި މިގޮތަށް ކިޔަވާ ކުދިންގެ ފެންވަރު މޮނިޓަރކުރާނެ ހަރުދަނާ އުސޫލުތަކެއް އެ ވުޒާރާއިން އެކުލަވައިލަން ޖެހޭނެއެވެ.

މީގެ އިތުރުން، ހޯމް-ސްކޫލިންގެ ނިޒާމުގެ ތެރެއިން ވެސް އުނގެނުމަށް އުނދަގޫވާ ފަދަ ސިއްހީ ނުވަތަ ނަފްސާނީ ބޮޑެތި މައްސަލަތަކެއް ހުންނަ ކުދިންނަށް، ރަސްމީ ތައުލީމު ދިނުން ލާޒިމުނުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ވެސް މި ބިލުގައި ވަނީ ހުށަހަޅާފައެވެ.

Ads by Ooredoo