ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19ގައި ބޭއްވުމަށް ނިންމައިފި
މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.
މި ރަސްމިއްޔާތު އޮންނާނީ އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ތަޤުރީރު ކުރައްވާނެއެވެ.
މި ޖަލްސާގެ ތެރެއިން، އެކި ދާއިރާތަކުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު އެރުވުން އޮންނާނެއެވެ. މިއީ ޢިލްމާއި ހުނަރުގެ އިތުރުން އުފެއްދުންތެރިކަމުގެ ރޮނގުން ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދެއްވާ އިނާމެކެވެ. މި އިނާމަށް ބޭފުޅުން ހޮއްވަވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާ ބެހޭ ކޮމިޓީންނެވެ. މި ޝަރަފު ލިބޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
މީގެ އިތުރުން، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވެސް މި ޖަލްސާގައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް، އިޚްލާޞްތެރިކަމާއި ޤާބިލުކަމާ އެކު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޤައުމީ ފެންވަރުގެ ޝަރަފެކެވެ. މި އިނާމަށް ބޭފުޅުން ހޮއްވަވާނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި، އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ނޮވެންބަރު މަހުގެ 11ވަނަ ދުވަހެވެ.
