ތިން މީހުން އަރުވައިގެން ހިނގި އެކްސިޑެންޓް: އައިސީޔޫގައި އޮތް ދެ މީހުން ވޯޑަށް ބަދަލުކޮށްފި
މި މަހުގެ ހަތްވަނަ ދުވަހު ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި އޮތް ދެ މީހަކު ވޯޑަށް ބަދަލުކޮށްފިއެވެ.
ތިން މީހުން އަރައިގެން ވަންވޭއާ އިދިކޮޅަށް ދުއްވަނިކޮށް ހިނގި އެ އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވިއެވެ. އަދި ދެ މީހަކަށް ފަރުވާ ދެމުންދިޔައީ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެންނެވެ. އަނެއް ތިން މީހަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލީއެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވީ އައިސީޔޫގައި ފަރުވާ ދިން ދެ މީހުން ވެންޓިލޭޓަރުން ނަގައި މިހާރު ވޯޑަަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އިރުމަތީގެ / ލ.މާމެންދޫ، މުޙައްމަދު ސައިފް (27އ)، ފަރުވާއަށް ފަހު ދޫކޮށްލުމުން، 2026 އޮކްޓޫބަރު 12ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުރީ ހައްޔަރުކޮށްފައެވެ.
މުޙައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
