ޚަބަރު

ފެނަކަ ކޮރަޕްޝަން މައްސަލަ: ދީނާގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށް ލުމަށް ހުކުމްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ދައުލަތުން އުފުލި ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، އޭނާ އެއް އަހަރާއި ހަތް މަހާއި 11 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ނިމުނުކަން ކަށަވަރު ކުރުމެއް ނެތި، އެ ކުންފުންޏަށް ފައިސާ ދޫކުރި މައްސަލައެކެވެ. ދީނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅީ މި މަހުގެ 12ވަނަ ދުވަހުއެވެ.

އަދަބު ކަނޑައެޅުމަށް ބޭއްވި މަޖިލީހުގައި ދީނާގެ ފަރާތުން ބުނެފައި ވަނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ޖަލު ބަންދަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ އާއި ގޭބަންދުގެ އަދަބެއް ދިނުމަށް ދިފާއުން އެދިފައިވެއެވެ. ނަމަވެސް، މައްސަލަ ބެއްލެވި އިސް ގާޒީ އާދަމް މުޙައްމަދު ވިދާޅުވީ، ޖަލުގައި ނުބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއް އޭނާގެ ހުރިކަން އެނގޭނެ ރަސްމީ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

މި މައްސަލާގައި ދައުލަތުން ފާހަގަކުރި ގޮތުގައި، ދީނާއަކީ ދައުލަތުގެ ކުންފުންޏެއްގެ އިސް މަގާމެއްގައި ހުރި ފަރާތަކަށް ވާތީ އޭނާގެ އަދަބު ބޮޑުކުރުމަށް ގާނޫނު ތަންދެއެވެ. އެހެންނަމަވެސް، އޭނާއަކީ ކުޑަކުދިން ބަލަހައްޓާ މީހަކަށް ވެފައި، މީގެ ކުރިން ކުށުގެ ރެކޯޑެއް ނެތުމުން، އަދަބު ކަނޑައެޅުމުގައި އެ ކަންކަމަށް ލުއި ދީފައިވެއެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން ވެސް އޭނާ ހުރީ ބަންދުގައެވެ.

ފެނަކަ ކޯޕަރޭޝަންގެ މި ކޮރަޕްޝަން މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

Ads by Ooredoo