ޚަބަރު

ބްރެޒިލްގެ ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެ ގައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތްޕުޅުން ރައީސް ލޫލާއަށް ހޫނު މަރުހަބާއެއް އަރިސްކުރައްވަމުން، މި ކާމިޔާބީއަކީ އެމަނިކުފާނުގެ ގައުމީ ހިދުމަތާއި ވަރުގަދަ ލީޑަޝިޕަށް ބްރެޒިލްގެ ރައްޔިތުން ކުރާ އިތުބާރުގެ ރަމްޒެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ބްރެޒިލްގެ ތަރައްގީއަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ސާބިތުކަމާއި ކުރައްވާ ބުރަ މަސައްކަތްޕުޅަށް ރައީސް މުޢިއްޒު ވަނީ ތައުރީފު ކުރައްވާފައެވެ.

މި މެސެޖުގައި، ރައީސް ލޫލާގެ ކުރިއަށް އޮތް އައު ރިޔާސީ ދައުރަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން، އެމަނިކުފާނަށް ދުޅަހެޔޮ ސިއްހަތަކަށާއި، ބްރެޒިލްގެ ރައްޔިތުންނަށް ފާގަތިކަމާއި ދެމެހެއްޓެނިވި ކުރިއެރުމަށް ރައީސް އެދިވަޑައިގަތެވެ.

މީގެ ކުރިން 2003އިން 2010އަށް އެ ގައުމުގެ ވެރިކަން ކުރެއްވުމަށް ފަހު، 2022ވަނަ އަހަރު އަލުން އިންތިހާބު ކާމިޔާބު ކުރެއްވި ލޫލާގެ ރިޔާސީ ހަތަރުވަނަ ދައުރު ފެށުމަށް ހަމަޖެހިފައި ވަނީ 2027 ޖަނަވަރީ 5 ގައެވެ.

Ads by Ooredoo