ވިލިމާލޭގައި ގަސް އިންދުމަށް ޚާއްސަ ސަރަޙައްދެއް: އެއްވެސް އަގެއް ނުނަގާނެ!

ވިލިމާލޭގައި ގަސް އިންދުމަށް ޚާއްސަކޮށް ސަރަޙައްދެއް ކަނޑައެޅުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުގެ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އޮފިޝަލް އާމްނާ ޝަފީއު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ގަސް އިންދުމަށް، އެއްވެސް އަގަކާއި ނުލާ، ދޫކުރާނެ ޚާއްސަ ސަރަޙައްދެއް ކަނޑައަޅަމުންދާ ކަމަށެވެ.
ވިލިމާލޭގައި ގަސް އިންދުމަށް ޚާއްސަ ސަރަޙައްދެއް ދޭން ކަނޑައަޅަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުޙައްމަދު ވެސް ރޭގައި ވަނީ ވިދާޅުވެފައެެވެ. ޝިފާގެ އެވާހަކަތަކާއި ގުޅިގެން ބައެއް މީހުން ބުނެފައިވަނީ އެސަރަޙައްދު ސިޓީ ކައުންސިލުން ދޭން ނިންމާފައިވަނީ "ކުއްޔަށް" ކަމަށެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން މިއަދު ސިޓީ ކައުންސިލުން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެސަރަޙައްދު ދޭން ނިންމާފައިވަނީ އެއްވެސް އަގަކާއި ނުލާ ކަމަށެވެ.
"އަގެއް ނަގާ ގޮތަކަށް ނޫން މިހަމަޖައްސަނީ. އެއްވެސް އަގަކާއި ނުލާ، ގަސް އިންދަން އެދޭ ފަރާތްތަކަށް އިން ވަކިކޮށްފަ ދޭގޮތަށް. އެގޮތުން ގަސް އިންދަން ޖާގަ ދޭން ނިންމާފައި ވަނީ ބޭންކު ފުރަގަހުގައި އޮތް ހުސް ބިމުން" އާމްނާ ވިދާޅުވެފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ވިލިމާލެ ރައްޔިތުން ގަސް އިންދުމަށް ދޭން ނިންމާފައިވާ ސަރަޙައްދުން ޖާގަ ހޯދަން އެދެންވީ ދުވަހަކާއި އެދޭނެ ގޮތަކާއިމެދު އަދި މަޝްވަރާ ކުރެވެމުންދާ ކަމަށާއި އޭގެ މައުލޫމާތު އަންނަ ހަފްތާގައި އިއުލާނު ކުރާނެ ކަމަށް ވެސް އާމްނާ ވިދާޅުވިއެވެ.
މީގެ ކުރިން ވިލިމާލޭގައި ބައެއް ރައްޔިތުން ޚާއްސަ ހުއްދައަކާއި ނުލާ އިންދި ގަސްތައް އެސަރަޙައްދުން ނެގުމަށް މިދިޔަ ހަފްތާގައި ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.
އެހެންކަމުން ބައެއް ރައްޔިތުން މިހާރު ދަނީ އެމީހުން އިންދި ގަސްތައް އެގޮޅިތަކުން ނަގާ، ވިއްކަމުންނެވެ.