ޚަބަރު

އޭޑީކޭ ހޮސްޕިޓަލު ފާހާނާއިން ވަގަށް ނެގި އަތް ހިއްކާ މެޝިނު އަނބުރާ ގެނެސްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޭޑީކޭ ހޮސްޕިޓަލުގެ ފާޚާނާއިން ވަގަށް ނެގި އަތް ހިއްކާ މެޝިނު، އަނބުރާ އެހޮސްޕިޓަލަށް ގެންގޮސްފިއެވެ.

Ads by STELCO

އެހޮސްޕިޓަލުގެ އާއްމު ފާޚާނާތަކުގައި ބަހައްޓާފައިހުރި އަތް ހިއްކާ މެޝިނުތައް ވަގަށް ނަގައިގެން، އެކަމަށް ތުހުމަތު ކުރެވޭ މީހަކު ދަނިކޮށް ނަގާފައިހުރި ސީސީޓީވީ ފުޓެޖެއް އޭޑީކޭއިން ވަނީ މީސް މީޑިއާ ގައި ދާދި ފަހުން އާއްމު ކޮށްފައެވެ.

ނަމަވެސް އޭޑީކޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވަގަށް ނެގި އަތް ހިއްކާ މެޝިނުތައް މިއަދު އަނބުރާ ގެނެސްފައިވާ ކަމަށެވެ. އެމެޝިނުތަކަށް ކުުދިކުދި ގެއްލުންތަކެއް ވެސް ލިބިފައިވާ ކަމަށް އޭޑީކޭއިން ބުނެފައިވެއެވެ.

އަތް ހިއްކާ މެޝިނުތައް އަނބުރާ ގެނެސް ބަހައްޓާފައި ހުރީ ކުނި އަޅާކަހަލަ ކޮތަޅެއްގެ ތެރެއަށްލާފައި، ހޮސްޕިޓަލުގެ އޯޕަން އޭރިއާގައި ކަމަށް ވެސް ބުނެފައިވެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ކުރިން ބުނެފައިވަނީ އެމެޝިނުތަކަކީ އެހޮސްޕިޓަލުގެ އާއްމު ފާޚާނާ ތަކުގައި ވަރަށް ފަހުން ބެހެއްޓި އަތް ހިއްކާ މެޝިނުތަކެއް ކަމަށެވެ.

މީގެ ކުރިން އެހޮސްޕިޓަލު ގައި ބަހައްޓާފައިހުރި ސެނިޓައިޒަރ ފުޅިތަކެއް ވެސް ވަނީ ވަގަށް ނަގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!