ޚަބަރު

ހީވީ ސޯމާލިޔާގެ ކަނޑު ފޭރޭ ބަޔަކު އެރީހެން: ތޫނު ހަތިޔާރާއެކު އަރާ ހައިޖެކް ކުރި ދޯނީގެ ފަޅުވެރިއެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލ. ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް މަސް ދޯންޏަކަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރާ، އެދޯނި ރޭގައި ހައިޖެކް ކޮށް ފޭރެން އުޅުނު ކަމަށް ދޯނީގެ ފަޅުވެރިން ބުނެފިއެވެ.

Ads by STELCO

އޮންލައިން ނޫސް "އައްޑޫލައިވް" ގައި ބުނެފައިވަނީ ރޭ ދަންވަރު 12:30 ހާއިރު ތޫނު ހަތިޔާރާއެކު އަރާފައިވަނީ ސ. ހިތަދޫ "ފަސްކުރި" ދޯންޏަށް ކަމަށެވެ. އެދޯނި އެވަގުތު އޮތީ ލ. ގަމު "ވަޑިނޮޅު" ކައިރީ އެންދަމަން ދިއްލައިގެން ކަމަށް ވެސް ބުނެފައިވެއެވެ.

"ދޯނީގެ ފަޅުވެރިން ތިބީ އެންދަމަން ދިއްލައިގެން، ތިއްބާ ކުއްލިއަކަށް ބަޔަކު ދޯންޏަށް އެރީ، އޭރު ކެޔޮޅު އޮތީ އެތެރޭގައި އިތުރު ދެމީހަކާއި އެކު، އެހެން އޮއްވާ ހަތިޔާރާއި އެކު އައި ބަޔަކު އައިސް ކެޔޮޅު ހޯދަން ބުނި، އެހިސާބުން  ދޯނި އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔަ" އެނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

ދޯންޏަށް އެރި މީހުންގެ ސީދާ އަދަދެއް ނޭނގޭ ކަމަށާއި ނަމަވެސް 30 ވަރަކަށް މީހުން އެކި ހަތިޔާރާއި އެކު ދޯންޏަށް އެރި ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

"ހީވީ ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު އެރީހެން، އެމީހުން ކެޔޮޅަށް ބިރު ދައްކައިގެން އެންގީ، ލ. ގަމު ފަޅަށް ވަނުމަށް، އެމީހުން ތިބީ މުޅި ދޯނި ހައިޖެކް ކޮށްގެން، ނެތް ގުޅޭނެ ގޮތެއް ވެސް، ފޯނެއް ނެގޭކަށް ވެސް ނެތް، ދެން އެހެން އުޅެފައި ބައްތި ފޯނަކުން ގުޅީ ސ. މީދޫ ޕޮލިހަށް، ގުޅައި، މި ޚަބަރު ދިނީ، އެމީހުން ގާތު އެދުނީ ފުލުހުން ފޮނުވައި ދިނުމަށް" ދޯނިން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

އެމީހުންގެ އެންގުމުގެ މަތިން ދޯނި ގޮސް ލ. ގަމުގެ ބަނދަރަށް ވަދެވުނީ ދަންވަރު 3 ޖެހި ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

"ދޯނި ގަމަށް ކައިރި ކުރި އިރު ފުލުހުންގެ ވެހިކަލް އޮތް، އެމީހުން ދޯނީގައި ތިބި މީހުންގެ ނަން ނޯޓުކޮށް ފޮނުވާލައިފި، އަދި ދޯނީގައި ހުރި ވަޅި، ކަތިވަޅި ފަދަ ތަކެތި ނަގައިގެން ގޮސްފި" ދޯނީގެ މީހަކު ބުނެފައިވެއެވެ.

"މިއީ އަހަރެމެން ކާން ބޯން ކުރާ މަސައްކަތް، މި ދޯނީގައި ތިބި 22 މީހުން މިތިބީ ނަފްސާނީ ގޮތުން އަސަރުކޮށްފައި، އެ ބިރުވެރި ހާދިސާއަށް ފަހު، މިއީ ހަމަ ސޯމާލިޔާގެ ކަނޑުފޭރޭ މީހުންނާއި އެއްވެސް ތަފާތެއް ނެތި ހިނގިކަމެއް، މިތިބީ ބޮޑު ބިރުވެރިކަމެއްގައި"

މި ހާދިސާ އާއި ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

  1. މަރްޔަމް ވަހީދާ

    ލ.ގަމުގަަ ވަޑިނޮޅެއް އޮވޭތަ؟