ދެން ފުރަމަލަ

އަރުޝަދު: ފުޓްސަލް ދަނޑުގައި ފިޔަޖަހަމުންދާ ޒުވާން، ހުނަރުވެރި ތަރިއެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރޫޓް 66 ތުނޑި ފުޓްސަލް ޗެލެންޖުގައި ގިނަ ބައެއްގެ ލޯތައް އަމާޒުވީ ލ.ގަމަށް ނިސްބަތްވާ އުމުރުން އެންމެ 18 އަހަރުގެ ޒުވާން މި ކުޅުންތެރިޔާއަށެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. މި ޒުވާން ކުޅުންތެރިޔާގެ ހުނަރުވެރިކަން ފެނި ގިނަ ބަޔަކު އާޝޯހުވީ އެވެ. ގިނަ ބަޔަކަށް އޭނާގެ މޮޅު ކުޅުން ފެނި ބުނާނެ ބަހެއް ނޭނގި ތަލިން ކުޅު ހިކުނީއެވެ. މިފަދަ ޒުވާން މޫނުތައް ރާއްޖޭގެ ފުޓްސަލް ދަނޑުތަކުން ވިދަމުން ދާތަން ފެނުމަކީ ފުޓްސަލްއަށް ރާއްޖޭގައި އޮތް އުޖާލާ ކުރިމަގު ދައްކުވައިދޭ ކަމެކެވެ.

Ads by STELCO

ހަނދާން ހުންނަން ފެށީއްސުރެ ވެސް އަރުޝަދު ފުޓްބޯޅަ ކުޅެ އުޅެއެވެ. އޭނާ ފުރަތަމަ ފުޓްބޯޅަ ކުޅެން ފެށީ ގޭ ކައިރީގައި އޮންނަ ގޯޅިގަނޑެެއްގެ ތެރޭގައި ރައްޓެހިންނާއެކުގައެވެ. އޭރުވެސް އަރުޝަދު އަކީ ހުނަރުވެރި ކުޅުންތެެރިއެކެވެ. ކޮއްޓުމާއި ނެއްޓުމުގެ ހުނަރުތަކުން ފުރިފައިވާ ކުޅުންތެރިއެކެވެ.

އަރުޝަދު އެންމެ ފުރަތަމަ ވިދާލަން ފެށީ ސުކޫލް މުބާރާތްތަކުގައެވެ. ސުކޫލް މުބާރާތްތަކުގައި އޭނާއަށް އެތައް ފަހަރަކު މޮޅު ކުޅުންތެރިޔާގެ މަގާމު އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައި އެބަހުއްޓެވެ. އޭނާ ކުޅޭ ޓީމުތަކަށް އެތައް ކާމިޔާބީތަކެއް ހޯދައި ދިނުމުގައި ހިއްސާވެފައި ވެސް އެބަހުއްޓެވެ. އޭނާ ގްރޭޑް ހަތަކާއި ހަމައަށް ތައުލީމް ހާސިލު ކުރީ އިހައްދޫ ސުކޫލްގައެވެ. އެއަށްފަހު ހަމަދު ބިން ހަލީފާ އަލްޡާނީ ސުކޫލަށް އޭނާ ބަދަލުވިއެވެ. ގުރޭޑް ދިހައަކާ ހަމައަށް އޭނާ ތައުލީމް ހާސިލް ކުރީ އެ ސުކޫލްގައެވެ.

އަރުޝަދުގެ ވިސްނުން ހުރީ ފުޓްބޯޅައިން ކުރިއަށް ދިއުމަށްވުރެ ފުޓްސަލް އިން ކުރިއަށް ދިއުމަށެވެ. އެހެން ނަމަވެސް ފުރަތަމަ ޑިވިޝަނުގެ ޓީމަކުން ކުޅެން ފުރުސަތެއް ލިބިއްޖެ ނަމަ އެކަމާ ވިސްނާނެ ކަމުގައި އަރުޝަދު ބުންޏެވެ. ކުރިއަށް ދިއުމަށް ލިބޭ އެއްވެސް ފުރުސަތަކަށް އަރުޝަދު "ނޫނެކޭ" ނުބުނާނެއެވެ.

މިހާތަނަށް އަރުޝަދު އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ރޫޓް 66 ތުނޑި ފުޓްސަލް ޗެލެންޖުގައި އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ލިބުމެވެ. މީގެ އިތުރުންވެސް ގިނަ ކާމިޔާބީތަކެއް ހޯދަން އަރުޝަދު ބޭނުން ވެއެވެ.

ރާއްޖޭގައި މިހާރު ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތަކީ "ގޯލްޑަން ފުޓްސަލް ޗެލެންޖް" އެވެ. އެމުބާރާތުގައި އަމިއްލަ ރަށް ތަމްސީލުކޮށް ރަށަށް ރަންވަނައެއް ހާސިލުކޮށް ދިނުމަކީ އަރުޝަދުގެ ހުވަފެނެވެ. ގައުމީ ފުޓްސަލް ޓީމަށް ކުޅެ ގައުމަށް ރީތި ނަން ހޯދައި ދިނުމަކީ ވެސް އަރުޝަދުގެ ފޮނި އުއްމީދެކެވެ.

އަރުޝަދު މިހާ ހިސާބަށް ދިއުމުގައި ގިނަ ބައެއްގެ އެހީތެރިކަން ވަނީ ،ލިބިފައެވެ. އަދި މިހާރުވެސް އެ ފަރާތްތަކުގެ އެހީތެރިކަން ދަނީ ލިބެމުންނެވެ. އެންމެ ފުރަތަމަ އަރުޝަދު ފާހަގަ ކުރީ އޭނާގެ މައިންބަފައިންނެވެ. އޭނާގެ މައިންބަފައިން އަބަދުވެސް އޭނާ ކުރިއަށް ދިއުމުގައި ވަރަށް ބޮޑަށް ހިތްވަރު ދެއެވެ. އަދި އެކުގައި ކުޅެން އުޅޭ އެކުވެރިންނާއި ބޭބެމެންނަށް ވަރަށް ހާއްސަ ޝުކުރެއް އޭނާ އަދާ ކުރިއެވެ. އަދި ފުޓްސަލް ކުޅުންތެރިޔާ އައްމަޑޭގެ ނަން ވަކިން ހާއްސަކޮށް ފާހަގަކޮށް ޝުކުރު އަދާ ކުރިއެވެ.

ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ރިޝެޕްޝަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މި ޒުވާނާ ދެކޭ ހުވަފެނަކީ ފުޓްސަލްގެ ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމެވެ. އަދި އަމިއްލަ ރަށާއި ގައުމު ފަހުރުވެރިވާނެ ފަދަ ކުޅުންތެރިއަކަށް ވުމެވެ.

އަޅުގަނޑާއި މުޅި "ދެން" ޓީމްގެ ފަރާތުން އަރުޝަދަށް ކާމިޔާބަށް އެދެެމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!