"ބާޣީންގެ ހަމަލާތަކުން ޝަހީދުވީ ދިވެހި ސިފައިން، އެކަމަކު ހަނގުރާމަކޮށް ނަސްރު ހޯދީ އިންޑިއާ ސިފައިން؟"

ރައްޔިތުން މަޖިލިހުގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެ ސަލާމަތްކުރީ އިންޑިޔާ ސިފައިން ކަމުގައި ވިދާޅުވުމާ ގުޅިގެން އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން ޢަލީ އިޙުސާނު ރައްދު ދެއްވައިފިއެވެ.
އިހްސާން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ މަރުވިހާ ބާޣީން ގަޔަށް ބަޑި ޖަހާ މަރާލީ ދިވެހި ސިފައިން ކަމަށާއި ބާޣީންގެ ހަމަލާތަކުން ޝަހީދުވީ ދިވެހި ސިފައިންނާއި ދިވެހި އާންމު ބޭފުޅުން ނަމަވެސް ހަނގުރާމަކޮށް ނަސްރު ހޯދީ އިންޑިއާ ސިފައިން ކަމަށް ބުނުމީ އަރަތެއް ކަމަށެވެ.
އިޙުސާނު މިފަދައިން ސުވާލުތައް ކުރައްވާފައި ވަނީ މިއަދު އޮތް ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ރައްޔިތުން މަޖިލިހުގެ ބިލެއްދޫ ދާއިރާ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް) ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވި ގޮތުގައި 8 ނޮވެމްބަރު-3 ގައި ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކޮށްދިނީ އިންޑިއާއިންނެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ދުވަހު ހަމަލާ ދީފާނެ ކަމަށް ރާއްޖޭގެ ބައެއް ސިފައިންނާއި އިސްވެރިން ތިބީ ފިލައި ކަމަށެވެ.
އިހްސާން ވަނީ އެ ދުވަހު ދިވެހި ސިފައިންނާއި އާންމު ރައްޔިތުން ކުރެއްވި މިންނެތް މަސައްކަތް އަގުވަޒަން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.