މިލަންދޫގައި އޮޔާދިޔަ ކުއްޖަކާއި ގެނބެމުން ދިޔަ މީހަކު ސަލާމަތް ކޮށްދީފި
ށ. މިލަންދޫގައި އޮޔާދިޔަ ކުއްޖަކާއި ގެނބެމުން ދިޔަ މީހަކު، އެ ރަށުގެ ޓީޗަރެއްގެ މަސައްކަތުން ސަލާމަތް ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހިނގި އެހާދިސާގައި ސީ ބެޑެއްގައި އޮޔާ ދިޔަ ދެ ތިން އަހަރުގެ ފިރިހެން ކުއްޖަކާއި އެ ކުއްޖާ ސަލާމަތް ކުރަން އެ ހިސާބަށް އެންމެ ފުރަތަމަ ދިޔަ ޒުވާނަކު ސަލާމަތްކުރީ، ދެ ކުދިންނާއި އަންހެނުންނާއެކު މޫދަށް ގޮސް އުޅުނު މިލަންދޫ ސްކޫލްގެ ލީޑިން ޓީޗަރު އާދަމް އަކްރަމެވެ. ގެނބެމުން ދިޔައީ އަލީ އަފީފް ކިޔާ މީހެކެވެ.
އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތު ދެމުން އަކުރަމް ބުނީ ހަވީރު 5:00 ހާއިރު އަތިރި މައްޗަށް ދިޔައިރު ތަންކޮޅެއް ދުރުގައި މޫދަށް އެރިގެން އެހެން ބަޔަކު އުޅުނު ކަމަށާއި އޭގެ އިރުކޮޅެއް ފަހުން ގޮވައި އޮޔާ ދަނީއޭ ކިޔައި ގޮވަން ފެށި ކަމަށެވެ.
"މޫދުން އެރިގެން ކުދިންނާ އެކު ވެލި ކުޅެން އިންދައި މި އިވެނީ ސަރ އޭ، މި އޮތް ގެނބެނީއޭ ކިޔައި ގޮވާ އަޑު. ދެން އެ ކުއްޖާ ސަލާމަތް ކުރަން ދަނިކޮށް (މޫދުގައި އޮތް) އެހެން މީހަކު އެ ހިސާބަށް އަރައި ހަމަވިތަނާ ކުއްޖާ ސީބެޑުން މޫދަށް ފުންމާލީ،" އަކްރަމް ބުނެފައި ވެއެވެ.
އަކުރަމް ބުނި ގޮތުގައި އެކުއްޖާ ފުންމާލުމުން މޫދުގައި އޮތް މީހާ ކުއްޖާ ނަގައި ފަތަމުން ދަނިކޮށް އެ މީހާ ވެސް ވަރުބަލިވެ ކުއްޖާ އަތުން ދޫވާން ފެށީއެވެ. އޭރު އަކްރަމަށް އެ މީހުންނާ ދިހަ ވަަރަކަށް ފޫޓު ކައިރިއަށް ދެވިއްޖެ އެވެ.
"އަފީފް ވެސް، އޭނާ ބަލިވެއްޖެއޭ ކުއްޖާ ދޫވަމުންދާ ކަމަށް ބުނެ އެހީއަށް އެދެމުން ދިޔައީ. އަޅުގަނޑު އަވަހަށް އެ ހިސާބަށް ގޮސްފައި ދެ މީހުން ގެނައީ،" އަކްރަމް ބުންޏެވެ.