ބޮލީވުޑް މުނިފޫހިފިލުވުން

އެނގޭތަ؟ ސޯނަމް ކަޕޫރާއި ރަންބީރަށް މިއަދަކީ ވަރަށް ޚާއްސަ ދުވަހެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ސޯނަމް ކަޕޫރާއި ރަންބީރް ކަޕޫރް، ދާއިރާގައި އުޅޭތާ މިއަދަށް 13 އަހަރު ފުރިއްޖެއެވެ.

Ads by STELCO

ފިލްމީ ޢާއިލާއަކަށް އުފަންވި މި ދެތަރިންގެ ވެސް އެންމެ ފުރަތަމަ ފިލްމަކީ "ސާވަރިޔާ" އެވެ. ސަންޖޭލީލާ ބަންސާލީ ޑައިރެކްޓުކުރި އެފިލްމު އެންމެ ފުރަތަމަ ރިލީސް ކޮށްފައި ވަނީ 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އެމެރިކާގައެވެ.

"ސާވަރިޔާ" މިފިލްމުން ރަންބީރް އަށް ފަސް އެވޯޑެއް ލިބިފައިވެއެވެ. އެއީ 2008 ވަނަ އަހަރުގެ ފިލްމްފެއާރ އެވޯޑުން ބެސްޓް މޭލް ޑެބިއު، ޒީ ސިނޭ އެވޯޑުން ބެސްޓް މޭލް ޑެބިއު، ގިލްޑް އެވޯޑުން ބެސްޓް މޭލް ޑެބިއު، އައިއައިއެފްއޭ ސްޓާ އިން ޑެބިއު އޮފް ދަ އިޔަރ އަދި ސްޓާ ޑަސްޓް އެވޯޑުން ސުޕަރސްޓާ އޮފް ޓުމޯރޯ އެވެ. ސޯނަމް އަށް ލިބިފައިވަނީ އެންމެ އެވޯޑެކެވެ. އެއީ 2008 ވަނަ އަހަރުގެ ސްޓާޑަސްޓް އެވޯޑުން ސުޕަރސްޓާ އޮފް ޓުމޯރޯ އެވެ.

ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން އިވެމުންދިޔަ އަޑަކީ ސޯނަމް އާއި ރަންބީރް "ސާވަރިޔާ" ފިލްމުގެ ޝޫޓިންގ ތެރެއިން ލޯބީގެ ގޮތުން ގުޅުން ކަމަށެވެ. ނަމަވެސް އެގުޅުން ޝޫޓިންގާއެކު ނިމިގެންދިޔަ ކަމަށް ވެސް އަޑުތައް ފެތުރެމުން ދިޔައެވެ.

އިންޑިއާގެ މީޑިއާއަކަށް މައުލޫމާތު ދެމުން ރަންބީރު ވަނީ ސޯނަމް އާއެކު "ޑޭޓް" އަކަށް އެއްފަހަރު ދިޔަ ކަމަށް ބުނެފައެވެ. އަދި އޭނާއަށް ސޯނަމް އަބަދުވެސް ރީތި ކަމަށާއި އޭނާ ސޯނަމްއާ މެދު ކޮއްކޮއެއް ފަދައިން ނުދެކޭ ކަމަށް ވެސް ބުންޏެވެ.

ރަންބީރް އާއި ދީޕިކާގެ ގުޅުން ކެނޑުނު ފަހުން ފުރަތަމަ ފަހަރަށް ރަންބީރްއާ ބެހޭގޮތުން ވާހަކަ ދައްކަމުން ސޯނަމް ބުނީ، ރަންބީރް ފަހަތުން ވަރަށް ގިނަ އަންހެންކުދިން ދުވާ ކަމަށާއި އޭނައަކީ އޭގެ ތެރެއިން މީހެއް ނޫން ކަމަށެވެ. ރަންބީރަކީ ރަނގަޅު އެކުވެރިއެއް ނަމަވެސް ރަނގަޅު ލޯބިވެރިއެކޭ ބުނާކަށް ނޭނގޭ ކަމަށް ވެސް ސޯނަމް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!