ތޫފާން ވެމްކޯ: 42 މީހަކު މަރުވެ 20 މީހުން ގެއްލިއްޖެ
ޕިލިޕީންސަށް މިހާރު ކުރަމުންދާ ބޯ ވިއްސާރަ، ތޫފާން ވެމްކޯގެ ސަބަބުން ކޯރުތައް ބަންޑުންވެ، ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާތަނަށް 42 މީހަކު މަރުވެ، 20 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެޤައުމުގެ ނޫސްތަކުން ހާމަކޮށްފިއެވެ.
ތޫފާން ވެމްކޯގެ ސަބަބުން ޕިލިޕީންސްގެ މަގުތައް ކަނޑައިގެން ގޮސްފައިވާއިރު، ދިހަ ހާހަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ތޫފާނުގެ ސަބަބުން ހަލާކުވެފައެވެ. އަދި މިމީހުން ސަލާމަތީ ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ސަލާމަތީ ކަންތައްތަކާ ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ތޫފާން ވެމްކޯއަކީ ޕިލިޕީންސްއަށް މިއަހަރު އެރި 21 ވަނަ ތޫފާންކަން ފާހަގަ ކޮށްލެވެއެވެ. ތޫފާން ވެމްކޯ އެރުމުގެ ހަފްތާއެއް ކުރިން އެޤައުމަށް މިދިޔަ 7 އަހަރުގެ ތެރޭގައި ވެސް އެޤައުމަށް އެރި އެންމެ ނުރައްކާތެރި ތޫފާން، ތޫފާން ގޮނި އަރާފައެވެ.
ޕިލިޕީންސްގެ ފުލުހުންނާއި ދަރުމައަށް މަސައްކަތް ކުރާ އިތުރު ބައެއް ޖަމިއްޔާތަކުން ފެންބޮޑުވި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ތޫފާން ވެމްކޯ މިހާރު މިސްރާބް ޖަހާފައި ވަނީ ވިއެޓްނާމްއަށެވެ. މިދިޔަ މަސް ތެރޭގައި އެކަނި ވެސް ވިއެޓްނާމްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ތިމާވި ހާދިސާތަކުގައި 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މޫސުން ލަފާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުރިޔަށް އޮތް ދެތިން ދުވަސް ތެރޭ ވިއެޓްނާމަށް ތޫފާނުގެ އަސަރު ކުރާނެއެވެ.
ޕިލިޕީންސްއަކީ މިފަދަ ތޫފާންތަކަށް އާއްމުކޮށް ތައްޔާރަށް އޮންނަ ޤައުމަކަށްވީ ނަމަވެސް، މިއަހަރު ކޮރޯނާ ވައިރަސްގެ ސަބަބުން، އެކަށީގެންވާ ވަރަށް ތޫފާނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅިފައިނުވާ ކަަމަށް ޕިލިޕީންސްގެ ކަމާ ބެހޭ އިދާރާތަކުން ހާމަ ކުރެއެވެ. މިއަހަރު ނިމުމުގެ ކުރިން ޕިޕިލީންސްއަށް އިތުރު 3 ތޫފާން އަރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.