ކައިވެންޏަށް ދެ އަހަރު ފުރުމުން، ދީޕިކާ އަށް ރަންވީރް ލޯބީގެ މެސެޖެއް ފޮނުވައިފި

ބޮލީވުޑްގައި އެންމެ ފުންނާބު އުސް ދެ އެކްޓަރުން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގްގެ ކައިވެންޏަށް މިއަދު ދެ އަހަރު ފުރިއްޖެއެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ރަންވީރް ވަނީ އެދެމަފިރިންގެ ރީތި ފޮޓޯތަކަކާއެކު، އޭނަގެ އަންހެނުންނަށް ލޯބީގެ މެސެޖެއް ވެސް ލިޔެފައެވެ.
އޭގައި ލިޔެފައިވަނީ އެމީހުންނަކީ "މުޅި އުމުރަށް ގުޅިފައިވާ ފުރާނަތަކެއް" ކަމަށެވެ.
ދީޕިކާއާއި ރަންވީރްގެ އެނިވާސަރީ އާއި ގުޅިގެން އެތައް ބަޔަކު ވަނީ އެމީހުންނަށް ތަހުނިޔާ ފޮނުވާފައެވެ.
ރަންވީރް އާއި ދީޕިކާ ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގައެވެ. އިޓަލީގެ ލޭކް ކޯމޯ ގައި ބޭއްވި އެކައިވެންޏަށް ދައުވަތު ދީފައި ވަނީ ހަމައެކަނި އެދެމަފިރިންގެ ޢާއިލާއާއި ގާތް އެކުވެރިންނަށް އެކަންޏެވެ.
އެދެމަފިރިން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު ރަންވީރު އިންތިޒާރު ކުރަމުން ދަނީ އޭނާ ކުޅުނު ފިލްމު "83" ރިލީސްވާނެ ދުވަހަކަށެވެ. ދީޕިކާ އެންމެ ފަހުން ފިލްމެއް ކުޅެފައިވަނީ ޕްރަބާސް އާއި އެއްކޮށެވެ. އޭގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.