ޚަބަރު

މަޑިވަރު އެއަރޕޯޓްގެ ޚިދުމަތް އަންނަ އަހަރު ކުރީކޮޅު ފަށާނަން - މިނިސްޓަރ ނަހުލާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޅ.އަތޮޅު މަޑިވަރުގައި ތަރައްޤީ ކުރަމުން އަންނަ އެއަރޕޯޓްގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ކުރީކޮޅު ޚިދުމަތް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. މިނިސްޓަރ ވިދާޅުވީ ޅ.އަތޮޅު މަޑިވަރުގައި ތަރައްޤީކުރަން ފަށާފައިވާ އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމައި އަންނަ އަހަރު ޚިދުމަތް ފަށާނެކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކުރައްވަމުން ދާކަމަށެވެ. އަދި އެއް ހަމައެއްގައި މި ޚިދުމަތް ރައްޔިތުންނާއި ހަމައަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"ހޯރަފުށި އެއަރޕޯޓް މިމަސްތެރޭ ހުޅުވޭނެ، މަޑިވަރު އެއަރޕޯޓްގެ ޚިދުމަތް އަންނަ އަހަރު ކުރީކޮޅު ފެށުމަށް މަސައްކަތްކުރަނީ. މި އެއަރޕޯޓްތަކާއިއެކު ވައިގެ ދަތުރުފަތުރަށް ބޮޑު ކުރިއެރުމެއް ލިބޭނެ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

އެގޮތުން ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް މިމަހު ފެށުމަށް ތައްޔާރު ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަޑިވަރު އެއަރޕޯޓަކީ ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިން އިން އަޅަމުންދާ އެއަރޕޯޓެކެވެ.

ޅ.އަތޮޅު މަޑިވަރު އެއަރޕޯޓުގައި މަސައްކަތުގެ ސްކޯޕްގައި ޓަރމިނަލާއި، އެއަރ ކްރާފްޓްތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދާއި، ފަޔަރ ބިލްޑިންގ ހިމެނެއެވެ.

މަޑިވަރުގައި އެއާޕޯޓެއް ތަރައްޤީ ކުރުމަކީ ޅ.އަތޮޅު ރައްޔިތުންގެ ވަރަށް ދުވަސްވީ އުއްމީދެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!