ދުނިޔެ

ޖޯޖިއާގެ ވޯޓު އަލުން ގުނައިގެން ވެސް ކާމިޔާބު ލިބުނީ ބައިޑަން އަށް، ޓްރަމްޕް ދެން ކިޔާނީ ކީކޭ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ރިޔާސީ އިންތިހާބު މިމަހުގެ 3 ވަނަ ދުވަހު ބާއްވާފައިވާއިރު، އެއިންތިހާބު ކާމިޔާބު ކުރެއްވީ ޖޯ ބައިޑަން ކަމަށް އޭގެ ފަސް ދުވަސް ފަހުން ވަނީ އިއުލާނު ކޮށްފައެވެ.

Ads by Sosun Fihaara

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެނަތީޖާ ސައްޙަ ނޫން ކަމަށާއި އިންތިހާބުގެ ނަތީޖާގައި ބޮޑެތި އޮޅުވާލުންތަކެއް ހިމެނިފައި ވާކަމަށް ތުހުމަތު ކުރައްވާފައެވެ.

އެގޮތުން ޓްރަމްޕް އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވީ ބައިޑަން ކުރި ހޯއްދަވާފައިވާ، އެމެރިކާގެ އެއް ސްޓޭޓް ކަމަށްވާ ޖޯޖިއާއިން ހަގީގަތުގައި ބައިޑަން އަށް ކާމިޔާބު ނުލިބޭނެ ކަމަށާއި އެތަނުން ނެގި ވޯޓުތައް ގުނުމުގައި އޮޅުވާލުންތަކެއް ހިމެނޭ ކަމަށެވެ.

ޓްރަމްޕާއި އޭނާގެ ވަކީލުންގެ އެދުމުގެ މަތިން ޖޯޖިއާއިން ލިބުނު ވޯޓުތައް އަލުން ވަނީ ގުނާފައެެވެ. ނަމަވެސް ނަތީޖާއިން އިއްޔެ ދެއްކީ އެއްވެސް އޮޅުވާލުމެއް ނުހިމެނޭ ކަމަށާއި، ބައިޑަން އަށް ކާމިޔާބީ ލިބިފައިވާ ކަމަށެވެ.

ޖޯޖިއާއިން ބައިޑަން އަށް 12،284 ވޯޓު ލިބިފައިވާއިރު، އެމެރިކާގެ ރައީސް ކަމަށް އޭނާ ހޮވަން އެޤައުމުން މުޅިއަކު 5.9 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލާފައި ވެއެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ރަސްމީކޮށް ރައީސް ކަމުގެ ހުވާ ކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ޑިމޮކްރެޓްގެ ކެންޑިޑޭޓު ބައިޑަން އަކީ އެމެރިކާގެ 46 ވަނަ ރައީސެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!