ކުޅިވަރު

ދަގަނޑޭ ފައިނަލަށް، ހިފެހެއްޓުމެއް ނެތް ޝުކުުރު ސަޕޯޓަރުންނަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއިން ކުރިއަށް ގެންދާ ، އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލް ހޮވާ މުބާރާތުގައި “އޭއެފްސީ ބްރެކެޓް ޗެލެންޖު”ގެ ވާދަވެރި ސެމީ ފައިނަލުގައި ވިއެޓްނާމްގެ ހަނޯއީ އެފްސީގެ ގުޔެން ގުއެންޑް ހައިއާ ވާދަކޮށް ކުރިހޯދައި މި ޗެލެންޖުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

Ads by Sosun Fihaara

މީގެ ކުރިން ވެސް މި ޗެލެންޖުގައި ދަގަނޑޭ ވާދަ ކޮށްފައި ވަނީ އާބާދީ ބޮޑެތި ގައުމުތަކުގެ ކުޅުންތެރިންނާއެވެ. އެގޮތުން ކުވައިތުގެ ރޮޖަރީނިއޯ އަދި ބަންގްލަދޭޝްގެ އަބްރާނީއާ ވާދަކޮށް ވެސް ދަގަނޑޭ ވަނީ ކާމިޔާބު ހޯދާފައެވެ.

ސެމީ ފައިނަލުގެ ވޯޓުލުން ނިމުނު އިރު ދަގަނޑޭ އަށް ލިބިފައިވަނީ 54.68 އިންސައްތަ ވޯޓެވެ. އަދި ގުޔެން ގުއެންޑް ހައި އަށް ލިބިފައިވަނީ 45.32 އިންސައްތަ ވޯޓެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ދަގަނޑޭ މިހާ ހިސާބަށް އައިސްފައިވާއިރު، މި ކާމިޔާބީގައި ދިވެހި ރައްޔިތުންގެ ދައުރު ބޮޑެވެ. ކޮންމެ މީހަކު ވެސް ދަގަނޑޭ އަށް ވޯޓުލުމަކީ އަމިއްލަ ފަރުދީ ޒިންމާއެއް ކަމުގައި ދެކި އެކަން ކުރަމުން ގެންދިއުމަކީ ދިވެހީންގެ އެއްބައިވަންތަކަން މިފަދަ ކަންކަމުގައި ދައްކުވައިދޭ މިސާލެކެވެ.

މި ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަ ކުރާނީ ހޮން ކޮންގްގެ ޗަން ސިއު ކީއާ އެވެ. ބްރެކެޓް ޗެލެންޖްގައި ވާދަކުރަން ހޮވާފައިވާ ޗަންގެ ގޯލަކީ އޭނާ ސައުތު ޗައިނާ އަށް ކުޅެމުން މެލޭޝިއާގެ ޕަހާންގް ކޮޅަށް ޖަހާފައިވާ ގޯލެވެ.

ފައިނަލަށް ދަތުރު ކުރުމުން، ދަގަނޑޭ ވަނީ އޭނާއަށް ވޯޓު ހޯދައިދިނުމުގައި ރެއާ ދުވާލު މަސައްކަތް ކޮށްދެއްވި އެންމެހާ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަބަދުވެސް އޭނާގެ ވާޖިބެއް ކަމުގައި ދެކޭނެ ކަމަށް ދަގަނޑޭ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި ޗެލެންޖުގައި ވާދަކުރުމަށް ހޮވާފައިވާ ދަގަނޑޭގެ ލަނޑަކީ ހިތްގައިމު ލަނޑެކެވެ. ދަގަނޑޭގެ ކޮއްޓުމުގެ މޮޅު ހުނަރު ހަމައެކަނި އެލަނޑުން ވެސް ސާބިތުވެގެން ދާނެއެެވެ. މި ލަނޑު އޭނާ ޖެހީ 2013 ވަނަ އަހަރު ނިއުރޭޑިއެންޓްގެ ޖާރޒީގައި އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށެވެ. އެ ޓީމުގެ މުޅި ޑިފެންސް  ފޫ އަޅުވާލުމަށްފަހު މި ލަނޑު ދަގަނޑޭ ކާމިޔާބު ކުރީ ކީޕަރު ކައިރިން ވެސް ކަޓުވާފައެވެ. އެތައް ޑިފެންޑަރުންނެއް ކައިރީގައި ޖައްސާފައި ތިބި އިރުވެސް ނުހަނު ހަމަޖެހިލާފައި ފަހަރަކު ކުޅުންތެރިއެއްގެ ގާތުން ނައްޓާލާފައި ޖެހި މި ގޯލަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ގައިން ހީބިހި ނަގައިގެންދާ ގޯލެކެވެ. ކިތަންމެ ފަހަރަކު ބެލި ކަމުގައި ވިޔަސް ފޫއްސެއް ނުވާނެ ކަން ޔަގީނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!