ސާމްޕަލް ނަގަން ދާއިރު މީހުންގެ ހާސްކަމާއި ގަނެފައި ހުންނަ ބިރު ފެނުމުން ހިތަށް ވަރަށް އަސަރު ކުރޭ : ނަރުހެއް
މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ނަރުހުންގެ ދުވަހެވެ. ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއްބަޔަކީ ނަރުހުންކަން ޔަގީނެވެ.
އެގޮތުން މިއީ ވެސް އެފަދައިން ޤައުމަށް ޚިދުމަތް ކުރުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ހީވާގި ނަރުހެކެވެ. ތިންކުދިންގެ މަންމައެކެވެ.
ލައިސަންސް އޮތް ނަރުހެއް ނަމަވެސް މަރިޔަމް ޝިފާނާ ޙުސެއިން ދާއިމީކޮށް މަސައްކަތް ކުރަނީ އިސްކަންދަރު ސްކޫލްގެ ސީނިއަރ ސްކޫލް ހެލްތު އޮފިސަރ އެއްގެ ގޮތުގައެވެ. ނަމަވެސް ޝިފާނާ މިހާރު ނިކުމެ އެހުރީ ކޮވިޑް19 އާއި ދެކޮޅަށް ކުރެވޭ ހަނގުރާމައިގައެވެ. އާއިލާ އަދި ލޯބިވާ ފިރިމީހާ އާއި ދަރިންނާއި އެކުގައި ހޭދަކުރި އުފާވެރި ވަގުތުތައް އެއްފަރާތްކޮށް ނިކުމެ އެހުރީ ޤައުމީ ޖިހާދުގައެވެ.
ޝިފާނާގެ މައިގަނޑު މަސައްކަތަކީ ކޯވިޑް އަށް ޝައްކުކުރެވޭ ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތެވެ. ސާމްޕަލް ނެގުމާއި އެކަމާއި ގުޅޭ އެންމެހައި ކަންކަމުގެ އެންމެ އިސްސަފުގައި ހުރި އެކަކީ ޝިފާނާއެވެ.
މަރޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރެޕިޑް ރެސްޕޯންސް ޓީމް (އާރްއާރްޓީ) ގައި މަސައްކަތް ކުރަމުން ގެންދާ ޝިފާނާ ވަނީ އޭނާގެ ދިރިއުޅުން މިހާރު ހުރިގޮތް "ދެން" އާއި ހިއްސާ ކޮށްފައެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ ސާމްޕަލް ނެގުމާއި ސަޕޯޓް ސަރވިސް ދިނުމެވެ.
"ހަމަ ފުލް ކިޓުގަ ދަރުބާރުގެއިން ތައްޔާރުވެގެން ދަނީ ސާމްޕަލްތައް ނަގަން. އަޅުގަނޑުމެންނާއެކު ދާނެ ލީޑަރެއް ވެސް، އޭނަގެ އިރުޝާދުގެ ދަށުން ޢަމަލުކުރަނީ. ސާމްޕަލް ނެގުމަށްފަހު ޑޮފްކުރަން ދަނީ މަސްވެރިންގެ ޕާކަށް. ޑޮފް ކޮށްގެން ފެންވަރައިގެން ސާމްޕަލްތައް ހިފައިގެން ދަނީ އަނބުރާ ދަރުބާރުގެއަށް. ގޮސްފައި ފޯމްތައް ފުރާފަ ސާމްޕަލްތައް އައިޖީއެމްއެޗް އަށް ފޮނުވަނީ" ސާމްޕަލްތައް ޓެސްޓުކުރަން ފޮނުވާ ގޮތް ކިޔައިދެމުން ޝިފާނާ ބުންޏެވެ.
ޝިފާނާ ބުނިގޮތުގައި އެމަސައްކަތުގައި އުޅޭއިރު އެންމެ ހިތްދަތި ވަނީ ސާމްޕަލް ނަގަން ދާއިރު މީހުންނަށް ކޮށްފައި ހުންނަ އަސަރު ފެނުމުންނެވެ.
"ޝައްކު ކުރެވިގެން ސާމްޕަލް ނަގަން ދިޔައިމަވެސް މީހުންގެ މޫނުމަތިން ފެންނަ ހާސްކަމާއި ގަނެފައި ހުންނަ ބިރު ފެނިފައި ހިތަށް ވަރަށް ބޮޑަށް އަސަރުކުރޭ. އިޙުސާސް ކުރެވޭ އަޅުގަނޑު މަންމައަށް ނުވަތަ ދަރިއަކު މިބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ ނުވަތަ ބަލިހުރި ކަމަށް ޝައްކެއް ކުރެވުނަސް ކުރާނެ އަސަރު. އަޅުގަނޑުމެން އެހެންވެ ސާމްޕަލް ނެގުމުގެ ކުރިން އެފަރާތްތަކަށް ވިސްނައި ވެސް ދެން، އިމޯޝަނަލް ސަޕޯޓްވެސް ދެން. ނަރުހެއްވީމަ ބަލިމީހުންނާއި ވާހަކަ ދައްކަންވާނެ ގޮތްތައް ކުރިންވެސް އެނގޭ، އެކަމަކު މިކަން އެހެން ބަލިތަކާއި ތަފާތު. އެންމެ ބޮޑަށް ސާމްޕަލް ނަގަން އުނދަގުލީ ކުޑަކުދިންގެ. އެކުދިން ބައެއް ފަހަރު އަޅުގަނޑުމެން ފެނިފައި ބިރުވެސް ގަނޭ. ލޯ އެކަނި ވިއްޔަ ފެންނާނީ . ބައެއް ކުދިން އުޅޭ އެހެންވެ ސާމްޕަލް ނަގަން ނުދައްކަން ވެސް ދެން ވަރަށް ވާހަކަ ދައްކައިގެން އެކުދިން ވެސް ހިތްހަމަ ޖައްސައިދީ އޯކޭ ކޮށްފަ ސާމްޕަލް ނަގަނީ" ޝިފާނާ ކިޔައިދިނެވެ.
ސާމްޕަލް ނެގުމުގެ އިތުރުން ސާމްޕަލް ނަގަންދާއިރު އެޕްރޮސީޖަރ ރަނގަޅަށް ކިޔައިދީ، ޑިސްއިންފެކްޓްކުރާނެ ގޮތް ކިޔައިދީ ޕޮޒިޓިވް ވާ މީހުން އެއްތަނުން އަނެއްތަނަށް ވެސް ބަދަލު ކުރުމުގައި ޝިފާނާ ޢަމަލީ ގޮތުން ބައިވެރިވެއެވެ.
މިއީ ކުޑަ މަސައްކަތެއް ނޫނެވެ. އާދައިގެ ޚިދުމަތެއް ވެސް ނޫނެވެ. މިފަދަ ޚިދުމަތްތެރިއެއްގެ ގޮތުން ޝިފާނާ ރައްޔިތުންގެ ކިބައިން އެދެނީ އާންމު ފަރުދީ ޒިންމާ އަދާކޮށް އަދިވެސް ބޮޑަށް އެންގުންތައް ރަނގަޅަށް އަޑުއަހާ ބޯލެނބުމެވެ.
"އައި ވޯންޓް ދިސް ޓު ސްޓޮޕް. އަޅުގަނޑަށް ޔަގީން ކޮންމެ މީހަކުވެސް ބޭނުން ވާނީ އެގޮތް ، އެންމެން ވެސް ބޭނުންވާނެ މިކަން ނިމި އާންމު ދިރިއުޅުމެއް އުޅުން. އެހެންވެ އަޅުގަނޑު އެދެނީ ފަރުދީ ޒިންމާ އަދާކޮށް އެންއީއޯސީ ގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރުން. އަޅުގަނޑުމެން މަގުމަތީގައި ރޭންޑަމް ސާމްޕަލްތައް ނަގާއިރު ވެސް ފެނޭ ބައެއް މީހުން މާސްކް ނާޅާ އުޅޭތަން ވެސް. ހުއްދަ ނަގައިގެން ބާޒާރު ކުރަން މާގިނަ މީހުން އެއްވެ ތިބޭ މަންޒަރު ވެސް. އެހެން ނުހައްދަވާ!" ޝިފާނާގެ އާދޭހަކީ މިއީއެވެ.
"އަޅުގަނޑަށް މިހާ ހިތްވަރު ލިބެނީ ފިރިމީހާއާއި އާއިލާ އާއި ދަރިންގެ އަދި ގާތް އެކުވެރިންގެ ސަބަބުން. އެހެންކަމުން މިފުރުސަތުގައި އެއެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން" ނިންމާލަމުން ޝިފާނާ ބުންޏެވެ.
ޝިފާނާއާއި އެހެން ހުރިހާ ނަރުހުންނަށާއި ޞިއްޙީ ޚިދުމަތްތެރިން އާއިލާއާއި ދަރީން ދޫކުރައްވާ ، ތިޔަ ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަހެވެ. ލޯތްބާއި ހެޔޮ ދުޢާއެވެ. ﷲ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާތައް ރައްކާތެރި ކޮށްދެއްވާށިއެވެ.