ދީން

ރޭޑިޔޯ ނުވަތަ ޓީވީއަށް ތަބާވެގެން ގޭގައިހުރެ ކުރާ ނަމާދު ޞައްހަވެގެން ވޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ސުވާލު: މަސްޖިދުލް ޙަރާމްގެ އިމާމު ނަމާދުކުރާއިރު، ޓީވީ އަޅުވައިގެން، ގޭގައި ހުރެގެން އަންހެނުންނަށް ނަމާދު އެ ޖަމާޢަތަށް ތަބާވެގެން ކުރެވިދާނެ ހެއްޔެވެ؟

Ads by Hajj Corporation

ޖަވާބު: ޝެއިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ. ގޭގައިހުރެ ޓީވީ ކުރިމަތީގައި ނުވަތަ ރޭޑިޔޯއަކުން އަޑުއަހައިގެން، ޚާއްސަކޮށް އަންހެނުންނަށް އިމާމުމީހާ ނުފެންނަގޮތަށް ހުރެ، އެއިމާމު މީހާއަށް ތަބާވެ އެޖަމާޢަތުގައި ނަމާދު ކުރެވިދާނެ ހެއްޔެވެ؟

ޖަވާބުގައި ޝެއިޚް ވިދާޅުވިއެވެ. “އިމާމާއަށް ތަބަޢަވެ، ޓީވީ ނުވަތަ ރޭޑިޔޯ އިން އަޑުއަހައިގެން، އެފަދައިން ނަމާދުކުރުން މީސްތަކުންނަށް ހުއްދަވެގެން ނުވެއެވެ. ސަބަބަކީ ނަމާދުގެ ޖަމާއަތުގެ މުރާދަކީ އެއްތަންވުމެވެ. އެހެންކަމުން ނަމާދު ކުރެވޭތަނަކީ އެއްތަނެއްކަމުގައި ވާންވާނެއެވެ. އަދި ސަފުތައް ގުޅިފައިވާންޖެހޭނެއެވެ. މި މަޤްސަދާއި ޚިލާފުވާތީ ޓީވީ ނުވަތަ ރޭޑިޔޯ އިން އަޑުއަހައިގެން ނަމާދުކުރުން ހުއްދަވެގެން ނުވެއެވެ. މިކަންތައް ހުއްދަކަމެއް ކަމުގައި އަހުރެމެން ބުނެފިނަމަ، ކޮންމެ މީހަކަށް ގޭގައި ފަރުޟު 5 ނަމާދުކުރެވިދާނެއެވެ. އަދިކިޔެއް! ހުކުރުނަމާދުވެސް އެމީހަކަށް ކުރެވޭނެއެވެ. މިއީ ޝަރީޢަތުގައި ހުކުރުނަމާދާއި، ޖަމާޢަތުގެ ނަމާދުތައް ކުރުމަށް ހުއްދަ ކުރާގޮތެއް ނޫނެވެ. އެހެންކަމުން އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް މިފަދައިން ޓީވީ ނުވަތަ ރޭޑިޔޯ އިން އަޑުއަހައިގެން ނަމާދުކުރުން ހުއްދަވެގެން ނުވެއެވެ.” (ބައްލަވާ: “مجموع الفتاوى (15/213))

ލަޖްނާ ދާއިމާ (218/9) އާއި ސުވާލުކުރެވުނެވެ.

އަންހެނުންނަށް ގޭގައިތިބެ، ރަށުގެ މިސްކިތުގެ އަޑުގަދަކުރާއިން ނަމާދުކުރާއިރު އެ ޖަމާޢަތުގައި ބައިވެރިވެ ހުރިހާ ނަމާދެއް ކުރެވިދާނެ ހެއްޔެވެ؟ ހަމަ މިފަދައިން ބަލިމީހާއަށް އެގޮތަށް ރަށު މިސްކިތުގެ އަޑުގަދަކުރާއިން އަޑުއަހާގެން އިމާމާއަށް ތަބާވެވިދާނެ ހެއްޔެވެ؟

ޖަވާބުގައި ވެއެވެ. “ފިރިހެނުންގެ ތެރެއިންވާ ބަލިމީހުންނާއި، އަންހެނުންގެ ތެރެއިންވާ ބަލިމީހުންނަށްވިޔަސް، އަދި ސިއްޙަތު ސަލާމަތުން ހުރިނަމަވެސް، އަދި އެއީ ގޭގައި އެކަނި ހުރެ ނަމާދުކުރި ކަމުގައި ވީނަމަވެސް، ނުވަތަ ޖަމާޢަތެއް ހަދައިގެން ކަމުގައި ވީނަމަވެސް، އަދި ފަރުޟުނަމާދެއް ކަމުގައިވީނަމަވެސް، ނުވަތަ ސުންނަތްނަމާދެއް ކަމުގައި ވީނަމަވެސް، އަދި ހުކުރުނަމާދު ކަމުގައި ވީނަމަވެސް، ނުވަތަ އެހެން ނަމާދެއް ކަމުގައި ވީނަމަވެސް އަދި އެމީހެއްގެ ގެ އިމާމާއަށްވުރެ ފަހަތުގައި ހުރި ނަމަވެސް، ނުވަތަ ކުރިމަތީގައި ވީނަމަވެސް އަޑުގަދަކުރާއިން އަޑުއަހައިގެން މިސްކިތުގެ އިމާމާއަށް ތަބާވެ މިފަދައިން ނަމާދުކުރުން ހުއްދަވެގެން ނުވެއެވެ. ނަމާދުގެ ޖަމާޢަތް ސިއްޙަތު ރަނގަޅު ފިރިހެންމީހާއަށް ވާޖިބުވެގެންވެއެވެ. އަދި އަންހެނުންނާއި ބަލި މީހުންގެ ކިބައިން ވާޖިބުކަން ކެނޑިގެންވެއެވެ.”

އަދިވެސް ލަޖްނާއާއި، އަންހެން މީހާ ގޭގައިހުރެ ރޭޑިޔޯއިން ނުވަތަ ޓީވީއިން އަޑުއަހައިގެން ނަމާދުކުރެވިދާނެތޯ ސުވާލުކުރެވުނެވެ.

ޤުރުއާން ކިޔަވާއަޑު، ނުވަތަ ތަކްބީރުތަކުގެ އަޑުއިވޭނަމަ އިމާމުމީހާއަށް ތަބަޢަވެގެން ފަރުޟުނަމާދާއި ސުންނަތްނަމާދުތަށް ކުރެވިދާނެހެއްޔެވެ؟

“ޖަވާބުގައި ބުނެފައިވެއެވެ. “އެގޮތަށް ނަމާދުކުރުން ހުއްދަވެގެން ނުވެއެވެ. ފަރުޟުނަމާދެއްވިޔަސް، އަދި ސުންނަތްނަމާދެއްވިޔަސް ހުއްދަވެގެން ނުވެއެވެ. ޤުރްއާން ކިޔަވާއަޑު ނުވަތަ ތަކްބީރުތަކުގެ އަޑުއިވުނު ކަމުގައި ވިޔަސްމެއެވެ. “فتاوى اللجنة الدائمة للبحوث العلمية والإفتاء” رقم (6744‏)

މަސްދަރު: ދި ސަލަފިއްޔާ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!