ދީން

ނަމާދު އެޅުމުގެ ނުރައްކާތެރިކަން ، ހަމަ އެންމެ ޙަދީޘަކުން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޚިޔާލަށް ގެންނަވާށެވެ. އޮފީހުގެ މަސައްކަތް ނިންމައިލުމަށް ފަހު ތިބާ ގެއަށް ދާން ނައްޓައިލީ ހަތަރެއް ޖަހާ ބޮޑުވިފަހުންނެވެ.

Ads by STELCO

ސައިކަލަށް އަރާ ނައްޓައިލައިގެން ގެއަށް ދިޔަ މަގުމަތީގައި ގެއާ މާދުރުން މަގު އޮތީ ބަންދު ކޮށްފައެވެ. ސައިކަލް ބަހައްޓައިފައި ހިނގައިގަތީއެވެ. ގޭގެ މަގަށް އެޅިއިރު އެ މަގު އޮތީ ދުން ބޯވެފައެވެ. އަލިފާން ނިވާ މީހުން ޙަރަކާތްތެރިވަމުން ދެއެވެ.

ފިކުރުބޮޑުވެ ހާސްވާން ފެށިއެވެ. އަލިފާން ރޯވެގެން އުޅެނީ ކޮންގެއެއްގައިތޯ މީހެއް ކުރެން އަހައިލިއެވެ. ލިބުނު ޖަވާބުން ދެފައި ދޫވެގެން ދިޔައެވެ. އެއީ ތިބާގެ ގެއެވެ. ގޭގައި ތިބީ ލޯބިވާ މަންމައާއި ބައްޕަގެ އިތުރުން އަނބިމީހާއާއި ދަރިފުޅެވެ. ވަގުތުން މަންމައާއި ބައްޕަގެ އިތުރުން އަނބިމީހާގެ ފޯނަށް ވެސް ގުޅިއެވެ. އެއްވެސް ފޯނަކާ ނުގުޅެއެވެ. ހާސްކަމާއި ބިރު އިތުރުވިއެވެ.

އަލިފާން ނިއްވައިލެވުނީ އިރުގަނޑެއް ފަހުންނެވެ. ގެއާ ކައިރިވާން ހުއްދަ ލިބުނު ނަމަވެސް ގެއަށް ވަންނާކަށް ހުއްދައެއް ނުލިބުނެވެ. އިރުކޮޅަކުން ނެރެން ފެށީ މަރުވެފައިވާ މީހުންގެ ހަށިތަކެކެވެ.މުޅި އާއިލާ މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. ގެދޮރާއި މާލު އިރުކޮޅެއްގެ ތެރޭ އަނދައި އަޅިއަށްވީއެވެ.

އެކުވެރީންނޭވެ. މި ޙާލަތު ހިތަށް ގެންނަވާށެވެ. ލިބުނު ގެއްލުން ޚިޔާލަށް ގެންނަވާށެވެ. ތިމާގެ ލޯބިވާ ޢާއިލާއާއި މުޅި މިލްކިއްޔާތު އަނދާ އަޅިއަށްވުމަކީ ދުނިޔެމަތީގައި މީހަކަށް ލިބޭނެ ކިހައި ބޮޑު ހިތާމައެއްތޯއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވައިފައި ވެއެވެ.

الَّذِي تَفُوتُهُ صَلاَةُ الْعَصْرِ كَأَنَّمَا وُتِرَ أَهْلَهُ وَمَالَهُ

''(ގަސްދުގައި) ޢަޞްރު ނަމާދު އަޅައިފި މީހަކަށް އޭނާގެ މުޅި ޢާއިލާއާއި މާލާއި މުދާ ގެއްލުނު ފަދައެވެ."

އެކުވެރީންނެވެ. ލޮބުވެތި މުސްލިމުންނޭވެ. ނަމާދު އެޅުމަކީ އެއްވެސް މުސްލިމަކަށް ކުރެވެން އޮތް ކަމެއް ނޫނެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ ހުށީ ނަމާދާ މެދުގައެވެ. ފަހެ ނަމާދާ މެދު ރައްކާތެރިވަމާ ހެއްޔެވެ؟ އެކަމުގެ ލައްޒަތު ލިބިގަނެ ޙަޔާތަށް ދިރުން ގެނުވަމާ ހެއްޔެވެ؟

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

مَا سَلَكَكُمْ فِي سَقَرَ ، قَالُوا لَمْ نَكُ مِنَ الْمُصَلِّينَ

މާނައަކީ : ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!